ކުޑަކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަށް ހުއްޓުވުމަށް މޯލްޑިވިއަން ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ނައިބްރައީސް ފައިސްލަ ނަސީމާ ބައްދަލު ކޮށްފިއެވެ.

އެމްއާރްއެމުން ބުނީ ކުޑަކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކާއި ގުޅިގެން އެކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން ނައިބު ރައީސާއި ބައްދަލު ކުރައްވައިފައި ވަނީ ހެރިޓޭޖް މިނިސްޓަރު އަދި އެމްއާރްއެމްގެ ނައިބު ރައީސް ޔުމްނާ މައުމޫނެވެ.

މިދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ގެ މައްސަލަތަށް ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާއިރު 2012 ވަނަ އަހަރުން ފެށިގެން ކޯޓަށް ހުށަހަޅާފައި ހުރި މައްސަލަވެސް ނުނިމި ހުރި ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު ފާސްކުރުމަށް ވާހަކަ ދައްކަމުންދާތާ 28 އަހަރު ވެފައިވާ ކަމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް މިމަހު 20 ގައި އަމަލުކުރަން ފަށާނެ ކަމަށެވެ. އެހެންކަމުން ޖިންސީ ގޯނާތަކާއި އިހުމާލުވުމުގެ މައްސަލަތަކުން ކުދިން ރައްކާތެރިކުރުމުގެ މަސައްކަތް، މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.