ނުރައްކާތެރި ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ވައިރަސް ނުވަތަ ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން އިއްޔެ އެކަނިވެސް 242 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް، މި ވައިރަހުގެ ފެށުން ކަމުގައިވި ޗައިނާގެހޫބޭ ޕްރޮވިންސްގެ ސިއްހަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައިފިއެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މި ވައިރަސް ފާހަގަކުރެވުނު ފަހުން 24 ގަޑިއިރު ތެރޭގައި އެންމެ ގިނަ މީހުންގެ ފުރާނަ ގެއްލިދިޔަ ދުވަސްވެމެއެވެ. މިއީ މީގެ ކުރިން ރެކޯޑްކުރެވުނު އެންމެ މަތީ އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މިއާއެކު، ކޮވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 1300އަށްވުރެ މައްޗަށް އަރާފައެވެ. މިއީ މިފަހުގެ ތާރީހު ދުށް ބޮޑެތި ބަލިމަޑުކަމާ ރޯގާތަކުގައި މަރުވި މީހުންނަށްވުރެ އިތުރު އަދަދެކެވެ.

ހޫބޭ ޕްރޮވިންސްގެ ސިއްހަތާ ބެހޭ ކޮމިޝަނުން ބުނީ ބުދަ ދުވަހުގެ ރޭ 08:00 ގެ ނިޔަލަށް ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، އިތުރު 14840 މީހަކު ކޮވިޑް19-އަށް ޕޮޒިޓިވްވިކަން ރެކޯޑްކުރެވިފައިވާކަމަށެވެ.

ނުރައްކާތެރި ކޮރޯނާވައިރަސް އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ 2 ސަރަހައްދެއްގައި 10 ވަރަކަށް ދުވަހުގެ ތެރޭގައި 2 ހޮސްޕިޓަލު އެޅުމަށް ކުރި މަސައްކަތުގެ ތެރެއިން/ފޮޓޯ: އީޕީއޭ

ކްލިނިކަލީ ޑައިގްނޯޒްޑް ޕޭޝަންޓުންގެ ވާހަކަ

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ކުށްލިއަކަށް މިހާ ބޮޑަށް އިތުރުވެފައި މިވަނީ، ކްލިނިކަލީ ޑައިގްނޯޒްކޮށްފައިވާ ޕޭޝަންޓުންވެސް މި ތަފާސް ހިސާބުތަކުގައި ހިމަނާފައިވާތީއެވެ. ކްލިކަނީ ޑައިގްނޯޒްޑް ޕޭޝަންޓުންނަކީ، ބަލި މީހާ އަނގަބަހުން ފޯރުކޮށްދޭ މައުލޫމާތާ، އޭނާގެ ހަށިގަނޑުން ފެންނަ ނިޝާންތަކަށް ރިއާޔަތްކޮށް، ސިއްހީ ހިދުމަތްދޭ ޑޮކްޓަރަކު، އެއީ އެބައްޔަކަށް ޕޮޒިޓިވް މީހެއް ކަމަށް ނިންމާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ބަލި މީހުންކަމުގައި ކަނޑައަޅާފައިވާ މީހުންނެވެ.

ކޮވިޑް-19އަށް ޝައްކު ކުރެވޭ ހިސާބުން ބައްޔަށް ޓެސްޓުކުރުމަށްފަހު ނޫނީ މީގެ ކުރިން ތަފާސް ހިސާބުތަކުގައި އެކުލަވާލާފައެއް ނުވެއެވެ. ނަމަވެސް ކްލިނިކަލީ ޑައިގްނޯޒްޑްގެ ޕޭޝަންޓުން މި ލިސްޓަށް އިތުރު ކުރަންޖެހުނީ، އެފަދަ ބަލި މީހުންނަށް ބޭނުންވާ ސިއްހީ ފަރުވާގެ ހިދުމަތްތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް އިދާރީ ގޮތުން ހުރަސްކުރަންޖެހޭ ފިޔަވަޅުތަކުގެ ދުވެލި އަވަސް ކުރުމަށްކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހު މަރުވި ކަމަށް ރިޕޯޓްކުރި މީހުންގެ ތެރޭގައިވެސް ކްލިކަލް ޑައިގްނޯސިސްގެ ގޮތުގައި ކޮވިޑް-19އަށް ޕޮޒިޓިވްވި 100 އެއްހާ މީހުން ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.

މިހާތަނާ ޖެހެންދެން ކޮވިޑް-19އަށް ޑައިގްނޯޒް ކުރުމަށް ޑޮކްޓަރުން ބޭނުން ކުރަމުން އައީ ވަކި ޓެސްޓް ކިޓެކެވެ. ނަމަވެސް ކިޓްގެ ސައްހަކަމާ ބޭނުންތެރިކަމާ މެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ. އެހެންކަމުން ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ޑޮކްޓަރުންނަށް ދިން އިތުރު ބާރާއެކު، ކޮވިޑް-19އަށް ޕޮޒިޓިވް ކަމަށް ކަނޑައަޅާ މީހުންގެ އަދަދު އިތުރުވަނީކަމަށްވެސް ބުނެވިދާނެއެވެ.

މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު މިހާތަނަށް 60000 އަށްވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 28 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 48200އަށްވުރެ ގިނަ ކޭހަކީ ޗައިނާގެ ހޫބޭ ޕްރޮވިންސްއިން ރިޕޯޓްކޮށްފައިވާ ކޭސްތަކެވެ.

ހޫބޭ ޕްރޮވިންސްއަކީ ކޮވިޑް-19ގެ 'ފެށުން' ކަމުގައި މުޅި ދުނިޔެ ސިފަކުރަމުން އަންނަ 'މަރުކަޒު' ނުވަތަ ވޫހާން ސިޓީ އެ ޕްރޮވިންސަކަށް ނިސްބަތްވާ ސަރަހައްދެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 އުފެދިފައިވަނީ، ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް ބާޒާރަކުންނެވެ. މިތަން މިހާރު ވަނީ ބަންދުކޮށްފައެވެ.