ދެކުނުގެ ރަށެއްގައި އުމުރުން 15 އަހަރުގެ ފިރިހެން ކުއްޖަކު ތޫނު ހަތިޔާރު ގެންގުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ މައުލޫމާތު ލިބުމާ އެކު މިއަދު އެ ކުއްޖާ ދިރިއުޅޭ ގެ ފުލުހުން ބަލާ ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ ގެ ބަލާފާސްކުރިއިރު 4 ވަޅިއާއި ދަނބު ކުލައިގެ ހޮޅި ބުރިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެކުއްޖާ މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބުނީ ކުޑަކުދިންނާއި ގުޅޭ މިފަދަ މައްސަލަތަކުގައި އެކުދިންގެ ވަނަވަރު ހާމަނުކުރާ ކަމަށެވެ. އެއީ އެކުދިންގެ ރައްކާތެރިކަމަށްޓަކައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ކުޑަކުދިން ލައްވާ ޖިނާއީ ބޮޑެތި ކުށްތައް ކުރަމުން އަންނަކަން ފުލުހުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި މިފަދަ މައްސަލަތައް މަދުން ނަމަވެސް ފުލުހުންގެ މުއައްސަސާތަކަށް ހުށަހެޅިފައިވެއެވެ. ބައެއް މައްސަލަތަކުގައި ކުދިންނަށް އަދަބުވެސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.