ދިވެހި ސަރުކާރާއި، ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އަށް، އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ދެވަނަ ރަންވޭ ހުޅުވާ އެއާޕޯޓް ބާރަށް ހިނގަން ފެށުމުން ދިވެހި ސަރުކާރާއި ޓީއެމްއޭއަށް އެއްބަސް ވެވޭ ގޮތަކަށް ސީ ޕްލޭން ޓާމިނަލްގެ ކަންތައް އަވަހަށް ނިންމުން މުހިއްމު ކަމަށެވެ. އަދި ޓީއެމްއޭ އަށް ޓާމިނަލް ދިނުމުގައި ގޯސްކޮށް ކަމެއް ހިނގާފައި ވާނަމަ އެކަން ކުރި މީހަކަށް ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޓީއެމްއޭގެ މައްސަލާގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޓްރާންސް މޯލްޑިވްސް އެއާވޭސް (ޓީއެމްއޭ) އިންވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ޓީއެމްއޭއާއި އެކުންފުނީގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލް ކުންފުނިން ވަނީ ސީޕްލޭން ޓާމިނަލްގެ މައްސަލައާ މެދު އެފަރާތުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.

ޓީއެމްއޭގެ ކަންބޮޑުވުންތައް ހިއްސާކުރަމުން އެ ފަރާތުން ބުނީ، ޓާމިނަލްގެ މައްސަލައިގައި އެމްއޭސީއެލްއާ ކުރި މަޝްވަރާތަކުގައި ވަރަށް ބޮޑަށް ދޫދީފައިވާނެ ކަމަށެވެ. އަދި ޓީއެމްއޭއިން އެދޭ ހަމައެކަނި ކަމަކީ އެމްއޭސީއެލްއިން ހުށަހެޅި އެގްރީމަންޓާ އެއްގޮތަށް އަމަލުކޮށް، އެ ކުންފުންޏަށް ހައްގު މިންވަރު ދިނުމަށް ކަމަށް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭއިން މިހާރު ސީޕްލޭން ހިންގަމުން ދަނީ ވަކިން ކަމަށާއި ނަމަވެސް އާ ސީޕްލޭން ޓާމިނަލަށް ބަދަލު ކުރުމުން އެހެން އޮޕަރޭޓަރުންނާ އެކީ އެއް ޓާމިނަލެއްގައި މަސައްކަތް ކުރަން ޓީއެމްއޭއަށް މަޖުބޫރުވެފައިވާ ކަަމަށް ޓީއެމްއޭއިން ބުނެއެވެެ. އަދި މިހާރު ހިންގަމުންދާ ޓާމިނަލަކީ އެ ކުންފުނިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާ ޓާމިނަލެއް ކަމަށާއި އެ އިންވެސްޓްމަންޓް ބަދަލު ނުލިބޭ ކަމަށް ވެސް ޓީއެމްއޭއިން ބުނެއެވެ.

އަދި އެއީ ކުރިން އެމްއޭސީއެލްއާ އެކު މަޝްވަރާކޮށްގެން އެއްބަސްވަމުން އައި ގޮތް ކަމަށް ޓީއެމްއޭއިން ބުނެއެެވެ. ޓާމިނަލުގައި ސީޕްލޭން އޮޕަރޭޓު ކުރާ ހުރިހާ ކުންފުންޏަކަށް ވެސް ވާ ވަރަށް ޖާގަ އެބައޮތް ކަމަށާއި ދެން އޮތީ އެމްއޭސީއެލްއިން ހުށަހެޅި ކޮންޓްރެކްޓް ފައިނަލައިޒް ކުރުން ކަމަށް ޓީއެމްއޭއިން ބުނެއެވެ.

ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ އެއްބަސްވުމުގެ މުއްދަތު މި އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެއެވެ. އެމްއޭސީއެލުން ކުރިން އެއްބަސްވެފައި ވަނީ ޓީއެމްއޭއިން މިހާރު އޮޕަރޭޓު ކުރަމުންދާ ޓާމިނަލްގެ ސައިޒަށް ވުރެ ބޮޑު އަދަދަކަށެވެ. ނަމަވެސް ސަރުކާރުން ނިންމާފައި ވަނީ ޓީއެމްއޭއިން މިހާރު ވެސް އޮޕަރޭޓު ކުރަމުންދާ ޓާމިނަލްއާ އެއް ސައިޒެއްގެ ސަރަހައްދެއް އާ ޓާމިނަލުން ދިނުމަށެވެ.

ޓީއެމްއޭގެ މައިގަނޑު ކަންބޮޑުވުން ފާހަގަކުރައްވަމުން ސީއީއޯ އޭޔޫއެމް ފައުޒީ ވިދާޅުވީ، 2017 ވަނަ އަހަރު އެމްއޭސީއެލްއިން އެކުންފުންޏަށް ހުށަހެޅި އެއްބަސްވުމާއި ދެމުން އައި ޔަގީންކަމާ ހިލާފަށް މިހާރު ވަނީ ޓާމިނަލުން ޖާގަ ދީފައި ކަމަށެވެ. އެގޮތުން އެމްއޭސީއެލުން އޭރު އެއްބަސްވުން ފޮނުވި އިރު އޭގައިވަނީ އާ ޓާމިނަލުން އަކަމީޓަރަކަށް 15 ރުފިޔާގެ ރޭޓުން ޖުމްލަ 19،000 އަކަމީޓަރު 15 އަހަރުގެ މުއްދަތަކަށް ދިނުމަށް ކަމަށް ފައުޒީ ވިދާޅުވިއެވެ.

އެމްއޭސީއެލްއިން 2017 ވަނަ އަހަރު ހުށަހެޅި އެއްބަސްވުމުގައި ދެ ކުންފުނިން ކުރެ ކުންފުންޏަކުން ވެސް ސޮއިކޮށްފައި ނުވެއެވެ. ނަމަވެސް ޓީއެމްއޭއިން ބަރޯސާވެގެން ތިބީ އެމްއޭސީއެލުން އެކުންފުންޏަށް އެކި ލިޔެކިޔުންތަކުން ދެމުން އައި ޔަގީންކަމެއްގެ މައްޗަށް ކަމަށާއި، އެކަމާ ގުޅުންހުރި ލިޔެކިޔުންތައް އެބަހުރި ކަމަށް ފައުޒީ ވިދާޅުވިއެވެ.

ޓާމިނަލްގެ ސައިޒު ބޮޑުކުރަން ހުށަހެޅި ސަބަބު ހާމަކުރަމުން ޓީއެމްއޭއިން ބުނީ އާ ރިސޯޓުތައް ހުޅުވި، ހިދުމަތް ދެވޭ އެނދުގެ އަދަދު އިތުރުވާ ވަރަކަށް ޓީއެމްއޭގެ ކަސްޓަމަރުން ވެސް އިތުރުވަމުންދާނެ ކަމަށާއި އިތުރު ކަސްޓަމަރުންނަށް ހިދުމަތް ދިނުމަށްޓަކައި އިތުރު ޖާގަ ބޭނުންވާނެ ކަމަށެވެ.

މި މައްސަލައިގައި މާލިއްޔަތު ކޮމެޓީގެ އެދުމަށް އޭޖީ އޮފީހުން ހެދި އޮޑިޓް ރިޕޯޓަށް ފާޑުކިޔުއްވަމުން ފައުޒީ ވިދާޅުވީ، އެމްއޭސީއެލަށް ޓާމިނަލް ހިންގައިގެން އަހަރެއްގެ މައްޗަށް 47.3 މިލިއަން ރުފިޔާ ލިބޭނެ ކަަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެއީ ގްރޮސް ރެވެނިއުގެ ގޮތުގައި ހަރަދަށް ނުކަނޑާ ލިބޭ ޖުމްލަ އާމްދަނީ ކަމަށެވެ. އެހެންކަމުން މިނިވަން އޮޑިޓަރެއް ހޯދައިގެން ބެލި ކަމަށް ފައުޒީ ވިދާޅުވިއެވެ.

ޓީއެމްއޭއިން އަހަރެއްގެ މައްޗަށް 900،000 އެއްހާ ފަސިންޖަރުންނަށް ހިދުމަތްދޭ ނަމަ އެއްކޮޅުގެ ދަތުރަށް 450،000 ފަސިންޖަރުން އަތުން ބޮލަކަށް 100 ޑޮލަރުގެ މަގުން ޗާޖުކޮށްގެން ވެސް އޮޑިޓް ރިޕޯޓުގައި އެމްއޭސީއެލްއަށް ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ އަދަދު ނުލިބޭނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އެހެންކަމުން އެ ރޭޓުން ހިސާބު ހަދައިފިނަމަ، އޮޑިޓް ރިޕޯޓުގައި ބަޔާންކުރާ އަދަދުން ވެސް 2.3 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފައުޒީ ވިދާޅުވިއެވެ. އަދި ބޮލަކަށް 100 ޑޮލަރުގެ ރޭޓުން 450،000 ފަސިންޖަރުންގެ އަތުން ދެކޮޅު ދަތުރުތަކަށް ޗާޖުކޮށްފިނަމަ، ލިބޭނީ 90 މިލިއަން ރުފިޔާގެ އާމްދަނީއެއް ކަަމަށް ފައުޒީ ވިދާޅުވިއެވެ.

އަލަށް ބިނާކުރަމުންދާ ސީޕްލޭން ޓާމިނަލަކީ 26 މިލިއަން ޑޮލަރު ހަރަދުކުރެވިގެން އިމާރާތްކުރެވޭ ތަނެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުޅުވޭނެ ކަމަށް އެމްއޭސީލުން ބުނާ އާ ސީޕްލޭން ޓާމިނަލަކީ 28،000 އަކަ މީޓަރުގެ ސީޕްލޭން ޓާމިނަލެކެވެ. 1 ފަންގިފިލާގެ 120 އަކަމީޓަރުގެ ވީއައިޕީ އިމާރާތެއް މި ސީ ޕްލޭން ޓާމިނަލްގައި ހިމެނެއެވެ.