ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނަކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ބިދޭސީ ފިރިހެނަކު ޖިންސީ ގޯނާ ކުރި މައްސަލައެއް މިއަދު މެންދުރު 12:00 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މީހާ ހަޔްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫންތޯވެސް ފުލުހުން ބުނެފައެއް ނުވެއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.

ބިދޭސީ ފިރިހެނަކު ހާއްސަ އެހީއަށް ބޭނުންވާ ދިވެހި އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާއިރު، އުމުރުން 12 އަހަރުގެ ފިރިހެން ކުއްޖަކަށްވެސް ޖިންސީ ގޯނާކުރި ޒުވާނަކުވަނީ ހައްޔަރުކޮށްފައެވެ. މިކަމާ ގުޅިގެން ފުލުހުން ބުނީ، ނޯތް ޕޮލިސް ޑިވިޝަނުގެ ރަށެއްގައި 12 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 9:15 ހާއިރު 20 އަހަރުގެ ދިިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް މިދިޔަ މަހު 31 ވަނަ ދުވަހު އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއްގައި ދެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި އެމީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.