ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށް، މައްސަލަ އޭސީސީއަށް ހުށަހަޅައިފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީއަށް މައްސަލަ ހުށަހަޅާފައި ވަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ހަރަދުކޮށްގެން ތަރައްގީކޮށްފައިވާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ނުއަގުގައި ކުއްޔަށް ދިނުމާ ގުޅޭ މައްސަލަ މަޖިލީހުން ބެލުން ހުއްޓުވާފައި ވަނީ މެންބަރު ޔައުގޫބަށް ރިޝްވަތު ދީގެން ކަމަށް ބުނެއެވެ. މި މައްސަލަ ހުށަހަޅާފައި ވަނީ އާންމު ފަރާތަކުންނެވެ.
މެންބަރު ޔައުގޫބަކީ، ދައުލަތަށް އެތައް ބިލިއަން ރުފިޔާގެ ގެއްލުން ވާނެހެން ޓީއެމްއޭއަށް ކުއްޔަށް ދިނުމާ ދެކޮޅަށް އެންމެ ހަރުކަށި އިބާރާތުން އަޑުއުފުއްލަވާ މެންބަރެވެ. ނަމަވެސް، މި މައްސަލާގައި ކުއްލި އަކަށް ޔައުގޫބް ހިމޭންވެ، ފައިސާގެ ނުފޫޒުގެ ދަށަށް ވަދެފައިވާ ކަމަށް ވެސް އޭސީސީއަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ތުހުމަތުކޮށްފައެވެ.
މިކަމާ ގުޅިގެން، މައްސަލަ ހުށަހެޅި ފަރާތުން ވަނީ މިކަމުގައި އެންމެ ފުރަތަމަ ޔައުގޫބަށް ތުހުމަތުތަކެއް ކުރެއްވި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) އަދި ޔައުގޫބާ އޭސީސީން ސުވާލު ކުރުމަށް އެދިފައެވެ. މިކަމުގައި އަނދުން ހުސެއިން ހާޒިރު ކުރުމަށް އެދިފައި ވަނީ، އިއްޔެ އޭނާ ކުރެއްވި ޓްވީޓެއްގައި ޔައުގޫބަށް ތުހުމަތުތަކެއް ކުރައްވާފައި ވުމާ ގުޅިގެންނެވެ.
އަނދުން ހުސެއިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ޔައުގޫބް ވަނީ މީގެ ކުރިން ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް ދޭން އުޅޭ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށެވެ. ނަމަވެސް، ޔައުގޫބް މިހާރު ވަނީ "ކޮޅު ގޮހޮރަށް ކައިގެން" ކޮންމެ ކަމެއް ވެސް އޯކޭ ކަމަށް ވެ، ބައެއްގެ ދަށު ވެފައިވާ ކަމަށް އަނދުން ހުސެއިން ތުހުމަތު ކުރެއްވިއެވެ.