މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ އެމެޖެންސީ މައްސަލަތަކެއް ކަމަށް ކަނޑައަޅައި، ރާއްޖޭގައި "ކްލައިމެޓް އެމަޖެންސީ" އިއުލާން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގަރާރެއް ފާސްކޮށްފިއެވެ.\

މި ގަރާރު ފާސްކޮށްފައި ވަނީ، 68 މެންބަރުންގެ ވޯޓާއެކުއެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ދުނިޔެ ސަލާމަތް ކުރުމަށް އޮތް ހަނި ފުރުސަތު ގެއްލިގެން ގޮސްދާނެތީ އެކަން ދުނިޔޭގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ، ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެ ގަރާރު މަޖިލީހުގެ އެންވާރަމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީއިން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ ބަދަލުތަކާ އެކުއެވެ.

ކޮމިޓީ މަރުހަލާގައި ވަނީ، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލަތަކަކީ އެމަޖެންސީ މައްސަލަތަކެއް ކަމަށާއި، އެކަންކަމާ މެދު ފިޔަވަޅު އެޅުމަށް ނިންމާފައެވެ. ކޮމިޓީން މިފަދައިން ނިންމީ، ރާއްޖޭގެ ގިނަ ރަށްރަށުގެ ގޮނޑުދޮށް ގިރުމާއެކު ބޮޑެތި ގަސްތައް މޫދަށް ވެއްޓި، އެރަށްރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން ދިއުމާ ވެސްއެކުއެވެ.

ކޮމިޓީން އެޅުމަށް ނިންމާފައިވާ ފިޔަވަޅު ތަކުގެ ތެރޭގައި ފޮސިލް ފިއުލް އުފެއްދުމުގެ މަޝްރޫއުތަކަށް ގައުމުތަކުން މިހާރު ކުރަމުންދާ ކުރަމުންދާ އިންވެސްޓްމެންޓްތަކާއި ދެމުންދާ ސަބްސިޑީތައް ހުއްޓާލުން ހިމެނެއެވެ. އަދި އެ ފައިސާ އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ހޭދަކުރުމަށް މަގުފަހިކުރުމަށް ގައުމުތަކާއި ޖަމްއިއްޔާ ޖަމާއަތްތަކަށް ގޮވާލައި ރާއްޖެއިން ވަކާލާތު ކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.

އެގޮތުން، ރާއްޖެއިން ވަކާލާތު ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި ގައުމުތަކުން ޖައްވަށް ބޭރުކުރާ ކާބަން މަދުކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއިން ވަކާލާތު ކުރުމާއި، ގައުމުތަކުން ގްރީން ހައުސް ގޭސް ޖައްވަށް ދޫކުރާ މިންވަރު 2030 ވަނަ އަހަރުގެ ނިޔަލަށް 40 ޕަސެންޓް ދަށްކުރުމަށާއި 2050 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯއަށް ތިރިކުރުމަށް ގައުމުތަކަށް ގޮވާލުން ހިމެނެއެވެ. މީގެ އިތުރުން، ޕެެރިން އެގްރިމެންޓްގެ ރޫހާ ހިލާފަށް މަތީ މިންވަރަކަށް ޖައްވަށް ކާބަން ބޭރުކުރާ ގައުމުތައް ފާހަގަކޮށް އިގްތިސާދީ ގޮތުން އެގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅޭނެ އުސޫލުތަކެއް އދ ގެ ގިއުގަނޑުގެ ދަށުން އެކުލަވާލައި ތަންފީޒު ކުރުން ވެސް ހިމެނެއެވެ.

ކްލައިމެޓް އެމަޖެންސީ އިއުލާނު ކުރަނީ އިންސާނުން ހިންގާ އަމަލުތަކުގެ ސަބަބުން ދިގުމުއްދަތަކަށް ތިމާވެއްޓަށް ފަދަ ކަންކަން ހުއްޓުވުމަށް އެކަންކަމަށް ވަކާލާތު ކުރުމަށް އިސްކަން ދިނުމަށެވެ. މިހާތަނަށް 25 ގައުމަކުން ކްލައިމެޓް އެމަޖެންސީ ވަނީ އިއުލާނުކޮށްފައިވާއިރު، އެންމެ ފުރަތަމަ ގައުމަކުން ކްލައިމެޓް އެމަޖެންސީ އިއުލާނު ކޮށްފައި ވަނީ 2016 ވަނަ އަހަރެވެ.