އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާ އެމެރިކާގެ ސަރުކާރާ ދެމެދު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުގައި އެދެވޭ ކުރިއެރުންތަކެއް ހާސިލުވެފައިވާކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވިކަމަށް، އަފްގާނިސްތާނުގެ ރައީސް އަޝްރަފު ގަނީ ވިދާޅުވެއްޖެއެވެ.

ޓްވިޓާގައި އާންމުކުރެއްވި ޕޯސްޓެއްގައި ގަނީ ވިދާޅުވީ، މައިކް ޕޮމްޕޭއޯ މިކަން ހާމަކުރެއްވީ ފޯނު މެދުވެރިކުރައްވާ ދެއްކެވި ވާހަކައިގެ ތެރޭގައި ކަމަށެވެ. މިމަޝްވަރާތަކަކީ އަފްގާނިސްތާނުގައި ދުގުލާ ގޮސްފައިވާ ހަމަނުޖެހުންތައް ސުލްހަ ކުރާނެ ގޮތްތަކާ ބެހޭ ގޮތުން ކުރިއަށް ދިޔަ މަޝްވަރާތަކެއް ކަމަށްވެއެވެ.

ތޯލިބާނު ހަނގުރާމަވެރިންނާ އެމެރިކާގެ ސަރުކާރާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަކީ އަފްގާނިސްތާނުގައި 18 އަހަރަށްވުރެ ދިގުލާ ގޮސްފައިވާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނެސް، އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ސިފައިން އެގައުމުން ބޭލުމަށް ބާރުދޭ މަޝްވަރާތަކެކެވެ.

2001 ވަނަ އަހަރު އެމެރިކާ އަސްކަރިއްޔާއިން އަފްގާނިސްތާނަށް އަރާ، އެގައުމުގެ ވެރިކަމުން ތޯލިބާން ހަނގުރާމަވެރިން ވެރިކަމުން ބޭލި ފަހުން ހިންގި އެކި ހަމަނުޖެހުންތަކުގައި މައުސޫމު އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ކަންމިހެން އޮތްއިރު، ތޯލިބާނު ޖަމާއަތުން ބުނާ ގޮތުގައި އަފްގާނިސްތާނުގައި މިހާރު އޮތް ސަރުކާރަކީ ގައިރު ގާނޫނީ ސަރުކާރެކެވެ. އެހެންކަމުން، އަފްގާނިސްތާނުގެ ސަރުކާރާއެކު އެއްވެސް ވަރެއްގެ މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ތޯލިބާނުން ދެކޮޅު ހަދައެވެ. ނަތީޖާއެއްގެ ގޮތުން އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމުގެ މަޝްވަރާތައް ކުރިއަށްދަނީ ތޯލިބާނު ހަނގުރާމަވެރިންނާ އެމެރިކާއާއި ދެމެދުގައެވެ.