ސޫރިޔާގެ ހުޅަނގު އުތުރު ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ތުރުކީވިލާތުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ސޫރިޔާއިން ދިން ހަމަލާތަކަށް އެގައުމުން 'ވަރުގަދަ އަގެއް' ދައްކަންޖެހޭނެ ކަމުގެ އިންޒާރު، ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން، ސޫރިޔާގެ ސަރުކާރަށް ދެއްވައިފިއެވެ.

ސޫރިޔާގެ ހުޅަނގު އުތުރުގެ ކޮންޓްރޯލް ނެގުމަށް، ސޫރިޔާގެ ރައީސް ބައްޝާރުލް އަލް-އަސަދަށް އެއްބާރުލުންދޭ އަސްކަރީ ބާރުތަކުން ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ސަރަހައްދުގައި، ތުރުކީ އަސްކަރިއްޔާގެ 5 މެމްބަރަކު މަރާލީ މިދިޔަ ހޯމަ ދުވަހުއެވެ.

އޭގެ ރައްދުގައި، ތުރުކީވިލާތުންވަނީ ސޫރިޔާގެ އެކި އަމާޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދި އެކަން އެގޮތުގައި ކުރިއަށްދާނެ ކަމުގެ އިންޒާރުވެސް އުރުދުގާން ވަނީ ދެއްވާފައެވެ.

ސޫރިޔާގެ މަސްރަހު ދިރާސާކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮ ހިއުމަން ރައިޓްސް އިން ބުނީ، ހުޅަނގު އުތުރު ސަރަހައްދުގައި އިދިކޮޅު ހަނގުރާމަވެރިންގެ ކޮންޓްރޯލް އެންމެ ފަހުން އޮތް ސަރަހައްދުންވެސް މިހާރު އެ ހަނގުރާމަވެރިން ބާލާފައިވާކަމަށެވެ. ނަމަވެސް ސޫރިޔާގެ ދައުލަތުން އަދި ރަސްމީ ސިފައެއްގައި މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ސޫރިޔާގެ ހަނގުރާމާގައި ތުރުކީވިލާތުން އެއްބާރުލުން ދެމުންދަނީ ސޫރިޔާގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތަށެވެ.