18 މީހުނާއެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ތ. އަތޮޅަށް ދަތުރުކުރި ލޯންޗެއް ފަރަށް އަރާފައި ވަނީ ވ. ފެލިދޫ ކައިރިން ކަމަށެވެ. ފަރަށް އެރީ "ލީޖިއޮން 7" ލޯންޗު ކަމަށާއި އެ ލޯންޗު އެރީ ފެލިދޫގެ ހުޅަނގުން 10 ނޯޓިކަލް މޭލު ބޭރު އޮތް ފަރަކަށް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެ ލޯންޗު ފަރަށް އަރާފައިވާކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:10 ހާއިރު ކަމަށާއި ލޯންޗުގެ ވަރިފަރާތުން އެ ލޯންޗު ފުންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އަދި ވ.ފެލިދޫ ސީއެމްބިއުލޭންސުން އެހީތެރިކަން ފޯރުކޯށްދީފައިވާއިރު އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވިކަން މިހާތަނަށް ސާފު ވެފައެއް ނުވެއެވެ.

މިހާރަކަށް އައިސް މިފަދަ ހާދިސާތަށް ހިނގުން ގިނަވެފައިވާއިރު މިދިޔަ ހޯމަ ދުވަހު 28 މީހުންނާއެކު އއ. މަޔާފުށި ރިސޯޓުން ފުރައިގެން ހުޅުލެ ދަތުރުކުރި 'ސުވެނިރް 19' ނަމަކަށްކިޔާ ލޯންޗެއް މަޔާފުށި ރިސޯޓުގެ ނެރުމައްޗަށް ވަނީ އަރާފައެވެ.

ރާއްޖޭގައި ހިނގާ މިފަދަ ހާދިސާތަކަށް އެމްއެންޑީއެފްގެ އެހީތެރިކަން މެދު ކެނޑުމެއް ނެތި ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ.