މަޝްހޫރު އިލެކްޓްރޯނިކްސް ކުންފުނި ސަމްސަންގްގެ ކުޑައިގެ ދަށުން އަލަށް ތައާރަފުކޮށް ދައްކާލި 3 މޮޑެލްގެ ސްމާޓްފޯނަކީވެސް 5-ޖީ ކޮމްޕެޓިބަލް ފޯނުތަކެއްކަމަށް ޓެކްނޮލޮޖީ ދުނިޔޭގެ ޚަބަރުތައް ބުނެފިއެވެ.

މީގެ އިތުރުން ސަމްސަންގްއިން އަލަށް ދައްކާލި ގެލެކްސީ އެސް20 ފޯނަކީ، ފުރަތަމަ ފަހަރަށް ސްމާޓްފޯނެއްގައި ގާއިމުކޮށްފައިވާ އެންމެ ވަރުގަދަ ޒޫމިންގް ޓެކްނޮލިޖީއާއިއެކު ފަރުމާކޮށްފައިވާ ފޯނެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ސަމްސަންގް ގެެލްކްސީ އެސް20 ރޭންޖުގައި ހިމެނޭ ބައެއް ފޯނުތައް/ފޮޓޯ: ސަމްސަންގް

ސަމްސަންގްއިންވަނީ ފަތްޖަހާލެވޭ ސްމާޓްފޯނުގެ ވިންގަށް އާ ފޯނެއް ތައާރަފުކުރިކަންވެސް ކަށަވަރުކޮށްދީފައެވެ. ގެލެކްސީ ޒީ ފްލިޕްގެ ނަން ދީފައިވާ މި ފޯނަކީ ފަތްޖަހާލެވޭ، ބިއްލޫރިއާއި ފައިބަރު ބޭނުންކޮށްގެން އުފައްދާފައިވާ ފޯނެއް ކަމަށްވާއިރު، މި ފޯނު ފަރުމާކޮށްފައިވަނީ ވީހާވެސް ގެއްލުން ކުޑަވާ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ.

ސަމްސަންގް ކުންފުނިން އަލުން ފަރުމާކޮށްގެން ތައާރަފުކުރި ފަތްޖަހާލެވޭ ސްމާޓްފޯނު/ފޮޓޯ: ސްލޭޝް ގިއާ

ސަމްސަންގްއިން އިންގިލާބީ ފޯނުތަކެއް ތައާރަފުކޮށް ދައްކާލި ކަމުގައި ވީ ނަމަވެސް، އެ ފޯނުތައް އުފެއްދުމުގެ މަސައްކަތަކަށް ކޮވިޑް-19ގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ސީއެސްއެސް އިންސައިޓްގެ ބެން ވުޑް ވަނީ ހާމަކޮށްފައެވެ. ފޯނު އުފައްދާ ބްރާންޗުތައް ޗައިނާއިން ބޭރަށް ފުޅާކޮށްފައި އޮތެއް ކަމަކު، އާ މޮޑެލްއަށް ބޭނުންވާ ބައެއް ސާމާނުތަކުގެ މަސްދަރަކީ ޗައިނާކަން ވުޑް ވަނީ ފާހަގަކޮށްފައެވެ.

ނިމިދިޔަ 2019 ވަނަ އަހަރަށް ބަލާއިރު ސްމާޓްފޯނުގެ ވިޔަފާރީގައި 1 ނަމްބަރު ކުންފުންޏަކީ މާކެޓްގެ 21.6 ޕަސެންޓް ހިއްސާއާއިއެކު ސަމްސަންގްއެވެ. 17.5 ޕަސެންޓް ހިއްސާއާއިއެކު 2 ވަނާގައި ވާވޭ އޮތްއިރު، 191.0 މިލިއަން ފޯނު ވިއްކައިގެން 3 ވަނަ މަގާމު ގެންގޮސްފައިވަނީ އެޕަލް ކުންފުނިންނެވެ.