ސަރުކާރުގެ ފަރާތުން 10 ބިލެއް ރައްޔިތުން މަޖިލީހަށް ހުށަހަޅަން ރައީސް އޮފީހަށް ފޮނުވައިފިއެވެ.

އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން މިއަދު ބުނީ މިހާރު ހިނގަމުންދާ ދައުރުގައި މަޖިލީހަށް 56 ބިލެއް ހުށަހެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެއީ މުޅިން އަލަށް އެކުލަވާލަން ޖެހޭ 24 ބިލަކާއި އެކި ގާނޫނުތަކަށް އިސްލާހުތައް ގެނައުމުގެ 32 ބިލެކެވެ. އޭގެ ތެރެއިން 10 ބިލެއް އެކުލަވާލައި މަޖިލީހަށް ހުށަހެޅުމަށްޓަކައި ރައީސް އޮފީހަށް ވަނީ ފޮނުވާފައި ކަމަށްވެސް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީން އެކުލަވާލި ބިލް ތަކުގެ ތެރޭގައި ހިމެނެނީ:

  1. ނަފްސާނީ ސިއްހަތުގެ ބިލް
  2. ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް
  3. ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  4. ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  5. ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  6. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  7. ވަޒީފާއާބެހޭ ގާށނޫނަށް އިސްލާހު ގެނައުމުގެ ބިލް
  8. ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް
  9. އިންޝުއަރެންސްއާބެހޭ ބިލް
  10. ތަފާސްހިސާބުގެ ބިލް

ރައީސް އޮފީހަށް ފޮނުވާފައިވާ 10 ބިލުގެ ތެރެއިން ހަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ހިމެނެނީ ނަފުސާނީ ސިއްހަތުގެ ބިލާއި، ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.