ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް މާލޭގައި އުޅޭ ރަށްރަށުގެ މީހުން ކުޑައިމީސް ކުރުމަށް ބަހެއް ވިދާޅުނުވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.
އަނދުން ހުސެއިން ވިދާޅުވީ، މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުގެ ވާހަކަ ދައްކަވަމުން އެ ރައްޔިތުން އުޅެމުން ދަނީ ރެފިއުޖީންނާ އެއްގޮތަށް ކަމަށާއި މާލެ މިހާރު މިއޮތީ ފަލަސްތީނާ އެއް ހާލަތުގައި ކަމަށް ދެންނެވީ މާލޭގައި ރައްޔިތުން އުޅެމުންދާ ނިކަމެތި ހާލު ސިފަ ކޮށްދެއްވުމަށް ކަމަށެވެ.
އޭނާ ވިދާޅުވީ، އެފަދައިން އެކަން ސިފަ ކޮށްދެއްވީ އެއްވެސް ގޮތަކުމް މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުން ކުޑައިމީސް ކުރުމަށް ނޫން ކަމަށެވެ. އަދި ސީދާ ގޮތުން ވެސް އަދި ނުސީދާ ގޮތުން ވެސް އެ ރައްޔިތުންނަށް ކުޑައިމީސް ބަހެއް ބުނެފައި ނުވާނެ ކަމަށާ، ނަމަވެސް އޭނާ ދެއްކެވި ވާހަކަ އޮޅުނު ފަރާތްތަކުގެ އަރިހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން އަޅާލާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުން މާލެ ރައްޔިތުންނަށް މި ސަރުކާރުން ބިން ދޫކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ވައުދު ފުއްދާނެ ކަމަށެވެ.
ހުސެއިން ވިދާޅުވީ، މާލޭގެ ރައްޔިތުންނަކީ އެއިރެއްގައި އުޅެންޖެހޭ ގޮތަކަށް އުޅޭނެ ބައެއް ކަމަށެވެ. އެމީހުންނަކީ ކިޔަމަންތެރި، "ބަސްއަހާ" ފަހުރުވެރި ބައެއް ކަމަށާއި އެހެންނަމަވެސް ދުވަހަކުވެސް މާލޭގެ ރައްޔިތުންނަށް ރަނގަޅު ގޮތްތައް ވެގެން ނުދާކަން ހުސެއިންގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. މާލޭގެ ރައްޔިތުންގެ ދިފާއުގައި ވާހަކަދައްކާނެ އެއްވެސް ފަރާތެއް ނެތްކަން ފާހަގަކުރައްވާ ހުސެއިން ވިދާޅުވީ މާލެއިން ބިން ހިއްކާ ކޮންމެ ފަހަރަކު އެ ބިންކޮޅު ލިބެނީ ރާއްޖެތެރޭ ރައްޔިތުންނަށް ކަމަށެވެ.
މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށިފަހި މާލެ" ޕްރޮގްރާމުގެ ދަށުން މާލެއިން ކުދި ބިންކޮޅު ލިބިފައިވާ ފަރާތްތައް އެ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ވަނީ މީގެ ކުރިން ގޯތި ދީފައެވެ. ނަމަވެސް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށް ބުނެ ލިޔުން ލިބިފައިވާ ބައެއް ފަރާތްތަކަށް އަދިވެސް ބިން ލިބޭ ގޮތް ނުވުމުން މާލެ ސިޓީ ކައުންސިލާއި އެމްޑީޕީ މަޖިލިސް މެންބަރުން ދާދިފަހުން ވަނީ ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި ލިޔުން ލިބިފައިވާ ފަރާތްތަކަށް އަލުން ބިންކޮޅު ލިބޭނެ ގޮތް ހަދައިދޭނެ ކަމަށް އެޗްޑީސީން ވަނީ އެ ބައްދަލުވުމުގައި ބުނެފައެވެ.
އަނދުން ޙުސެއިން އަކީ އިޒްރެއިލްގެ މޯސާޑު މީހެއް