12 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެއާ މާލެ އަށް ބަނގުރާ ގެންދާކަމުގެ ތުހުމަތުގައި މިއަދު 2:08 ހާއިރު ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 12 ފުޅި ބަނގުރަލާ އެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

12 ފުޅި ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، މިދިޔަ މަހު 27 ވަނަ ދުވަހު ހުޅުމާލޭ އިން މާލެއަށް ދަތުރު ކުރަމުންދިޔަ ޓެކްސީއަކުން 20 ފުޅި ބަނގުރަލާއެކު ދެ ބިދޭސީއަކު ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލާގައި ޝައްކު ކުރެވޭ ޓެކްސީ ހުއްޓުވައި، އެޓެކްސީގެ ޑިކީގައި ހުރި ދަބަހެއް ބަލައި ފާސްކުރި އިރު 20 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެމައްސަލައާ ގުޅިގެން ޓެކްސީގައި ތިބި 23 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 24 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަަމަށް ވެސް ފުލުހުން ބުނެއެވެ.