ރާއްޖޭގެ ފަނޑިޔާރުންނަށް ފަންނީ ތަމްރީނާއި ތަޖުރިބާ އިތުރު ކުރުމުގެ ފުރުސަތު ލިބިގެންދާ އެމްއޯޔޫއެއްގައި ޖޭއެސްސީން ސޮއިކޮށްފިއެވެ.
އިންޑިއާގެ ބޯޕާލްގައި ހުންނަ ނެޝަނަލް ޖުޑީޝަލް އެކަޑަމީގައި މިއަދު ވަނީ މިކަމަށް ހާއްސަ ރަސްމިއަޔާތެއް ބާއްވާފައެވެ. ޖޭއެސްސީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރެއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިންނެވެ. އަދި އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީގެ ފަރާތުން ސޮއި ކުރެއްވީ އެ އެކަޑަމީގެ ޑިރެކްޓާ ޖަސްޓިސް ޖީ ރަގުރާމެވެ.
ޖޭއެސްސީން ބުނީ، މި އެމްއޯޔޫގެ ސަބަބުން އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީން ރާއްޖޭގެ ފަނޑިޔާރުންނަށް ހާއްސަ ކުރެވިގެން 200 ފުރުސަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި މިއީ މިފަދަ އެމްއޯޔޫއެއްގައި އެ ކޮމިޝަނުން ސޮއިކުރި ފުރަތަމަ ފަހަރު ކަމަށް ޖޭއެސްސީން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، މިއީ ރާއްޖޭގެ ޖުޑިޝަރީއަށް ލިބުނު ވަރަށް އަގުހުރި ފުރުސަތެއް ކަމަށާއި މި ފުރުސަތު ތަނަވަސް ކޮށްދެއްވީތީ އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން އިންޑިއާގެ ނެޝަނަލް ޖުޑީޝަލް އެކަޑަމީއާއި ޖޭއެސްސީއާ އެކު ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންނާއި ޖުޑިޝަލް އެކަޑަމީގެ މުވައްޒަފުން ތަމްރީން ކުރުމަށް މުސްތަގުބަލުގައި ކުރެވޭނެ ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ހިސާން ވާހަކަ ދައްކަވާފައި ވެއެވެ.