އެމްއެމްޕީއާރްސީއިން ރަށްތަކުގެ އެގްރީމަންޓުތަކުގެ މައުލޫމާތު ޓޫރިޒަމް މިނިސްޓްރީއިން މޯލްޑިވްސް ޓްރޭޑް ޔުނިއަންއަށް ނުދިނުމުން އެ މައުލޫމާތު ދޭން ޖެހޭ ކަމަށް އިންފޮމޭޝަން ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ޓްރޭޑް ޔުނިއަންއިން ޓޫރިޒަމް މިނިސްޓްރީގެ މައުލޫމާތު ހޯދަން އެދުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މައުލޫމާތަށް އެދޭ ފަރާތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. އަދި އެއްވެސް ހާލެއްގައި އެ މުއްދަތު 21 ދުވަހަށް ވުރެ ދިގުވެގެން ނުވާނެ ކަމަށް ގާނޫނުގައިވެ އެވެ. އެ މުއްދަތުގެ ތެރޭގައި މައުލޫމާތު ނުދިނުމަކީ މައުލޫމާތު ދޭން ދެކޮޅު ހެދުން ކަމަށް ބެލެވޭނެ ކަމަށްވެސް ގާނޫނުގައި ބުނެފައި ވެއެވެ.

ޓްރޭޑް ޔުނިއަންގެ ފަރާތުން އެ މައުލޫމާތު ހޯދުމަށް އެދުމުން 21 ދުވަސް ވެގެން ދިޔައިރުވެސް ޓޫރިޒަމް މިނިސްޓްރީން މައުލޫމާތު ހިއްސާކޮށްފައި ނުވެއެވެ. މިކަމާއި ގުޅިގެން ޓްރޭޑް ޔޫނިއަންއިން ވަނީ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަށް ހުށަހަޅާފައެވެ. އެކަމާ ގުޅިގެން އެ ކޮމިޝަނުގައި މިއަދު އަޑުއެހުމެއް ތާވަލު ކުރި އެވެ. ނަމަވެސް އެ އަޑުއެހުމަށް ޓޫރިޒަމް މިނިސްޓްރީއިން ހާޒިރުވެފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީއިން އަޑުއެހުމަށް ހާޒިރު ނުވުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށާއި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަކަކީ ކުޅޭ ކުޅޭ އެއްޗެއް ނޫން ކަމަށާއި، މާއްދާ 29 ނެގެހެއްޓުމަށް ގާނޫނޫ ލިބިދޭ ބާރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ކަމަށެވެ.

ޓްރޭޑު ޔުނިއަނުން ޓޫރިޒަމް މިނިސްޓްރީގައި އެހީ އެމްއެމްޕީއާރްސީއަށް އެއްވެސް ރަށެއް ނުވަތަ ފަޅެއް ކުށްޔަށް ދީފައިވޭތޯ ނުވަތަ ނޫންތޯ އާއި އެމްއެމްޕީއާރްސީއިން އެއްވެސް ރަށެއް އެއްވެސް ފަރާތަކަށް ކުއްޔަށް ދީފައިވޭތޯ އެވެ. އަދި ކުއްޔަށް ދީފައިވާ ނަމަ ލީސް އެގްރީމަންޓުތައް ދިނުމަށް އެދިފައިވެ އެވެ. އިންފޮމޭޝަން ކޮމިޝަނުން މިއަދު ނިންމީ އެ ލިޔެކިޔުންތައް ޓްރޭޑް ޔުނިއަނަށް ދޭން ޖެހޭނެ ކަމަށެވެ.