މާލެ ނޫން މީހުންނަކީވެސް އިންސާނުންކަން ދަނެގެން ވާހަކަ ދައްކަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިފަދައިން ވިދާޅުވީ މާލެސިޓީގެ މޭޔަރު ޝިފާ މުހައްމަދު ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވައެވެ. ޝިފާގެ ޓްވީޓުގައި ވިދާޅުވީ މާލެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ދޫކުރާ ވާހަކަ ދައްކާއިރަށް މައުޟޫ ބަދަލުވާ ކަމަށެވެ. އަދި ބޮޑު ޒުވާބެއް އެކަމުގައި ފެށޭ ކަމަށާއި މާލެ މީހާގެ ގެދޮރުގެ ވާހަކަ ދައްކާއިރަށް މައުޟޫ އޮޅުވާ ނުލުމަށް ޝިފާ ވަނީ ގޮވާލައްވާފައެވެ.

ޝިފާއަށް ރައްދު ދެއްވާ މެންބަރު ނިހާދު ވިދާޅުވީ މައްސަލައަކީ ރާއްޖެތެރޭ މީހުންނަކީ "އިޒްރާއީލް މީހުން ކަމަށް ދޭހަވާ ގޮތަށް" ވާހަކަ ދެއްކުން ކަމަށެވެ. އޭނާ ވިދާޅުވީ އެ މައުޟޫއަކީ ވަރަށް ދިގުކޮށް އަދި ވަރަށް "ނަލަ" ކޮށް ވާހަކަ ދެއްކިދާނެ މައުޟޫއެއް ކަމަށެވެ. ނަމަވެސް އެކަން ކުރެވޭނީ މާލެ ނޫން މީހުންނަކީވެސް އިންސާނުންކަން ދެނެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ އެހެން ނޫނީ ގޯސްވެދާނެ ކަމަށެވެ.

ނިހާދު މިފަދައިން ވިދާޅުވެފައި މިވަނީ މާލެ ރައްޔިތުންނަށް ދިމާވެފައިވާ އޮތް އެންމެ ބޮޑު މައްސަލައަކީ "ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ކަހަލަ މައްސަލަ" އެއް ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުން އަންނަނީ "ކޯސްޓު ކިރު ދަޅެއް" ވަރުގެ ޖާގައެއްގައި ކަމަށެވެ.

ހުސެއިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް އެއްވެސް ސަރުކާރަކުން އަޅާލާފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގެ އިންޑަސްޓްރިއަލް ޒޯނުން މާލެ ރައްޔިތުންނަށް މި ސަރުކާރުން ބިން ދޫކުރާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އެ ވައުދު ފުއްދާނެ ކަމަށެވެ.