ދުނިޔެ ދުށް އެންމެ ކުޅަދާނަ ފުޓުބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާފައިވާ ބްރެޒީލްގެ ލެޖެންޑަރީ ފޯވަޑް ޕެލޭ މިވަގުތު ހުރީ، އޭނާގެ ބަލި ހާލަތު ހުރި ގޮތުން ގެއިން ބޭރަށް ނިކުންނަންވެސް ލަދުން ކަމަށް އޭނާގެ ފިރިހެން ދަރިފުޅު ބުނެފިއެވެ.

ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓުބޯޅަ މުބާރާތުގެ ތަށި، 3 ފަހަރެއްގެ މަތިން އުފުލާލާފައިވާ ޕެލޭއަށް މިހާރު އިތުރު އެހީއަކާ ނުލާ އެކަނި ހިނގާބިނގާވެސް ނުއުޅެވޭ ކަމަށް އޭނާގެ ދަރިފުޅު ބުނެއެވެ.

ކުޑަކަމުދާ ނިޒާމުގައި އިންފެކްޝަނެއް އުފެދި، ހޮސްޕިޓަލަށް ގެންގޮސް ޕެލޭއަށް ފަރުވާ ދޭން ފެށީ މިދިޔަ އަހަރުގެ ތެރޭގައެވެ. މީގެ އިތުރުން، އުމުރުން 79 އަހަރުގެ ޕެލޭގެ އުނަގަނޑަށްވެސް މައްސަލަތަކެއް ކުރިމަތިވެ، ހިނގާބިނގާވެ އުޅުމަށް ފްރޭމެއް ބޭނުންވާކަން މި ފަހުން ފެނުނު މަންޒަރުތަކުން އެނގެއެވެ.

ޕެލޭ ވަނީ އޭނާގެ ކެރިއަރުގައި ދުނިޔޭގެ ރެކޯޑް އަދަދަކަށް ގޯލު ޖަހާފައެވެ. އޭނާގެ 21 އަހަރުގެ ކެރިއަރުގައި ޕެލޭ ވަނީ 1363 ފެނިލުމެއްގައި، 1281 ގޯލު ޖަހާފައެވެ. އޭގެ ތެރޭގައި ބްރެޒީލްގެ ޖާޒީގައި އޭނާ ފެނިގެންދިޔަ 91 ފެނިލުމެއްގައި ޖަހާދިން 77 ގޯލުވެސް ހިމެނެއެވެ.

މިހިނގާ 2020 ވަނަ އަހަރަކީ ޕެލޭ އެންމެ ފަހު ފަހަރަށް ވާލްޑް ކަޕް ތަށި އުފުލާލިތާ 50 އަހަރު ފުރޭ އަހަރެވެ.