ކޮރޯނާވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއެއް ކަމަށްވާ 2019-އެންކޯވްއަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިއްޔެ އެކަނި ޗައިނާއިންވެސް 108 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކޮރޯނާވައިރަހުގެ އަސަރުކޮށްގެން އިއްޔެ ޗައިނާއިން އެންމެ ގިނަ މީހުން މަރުވީ، ވައިރަހުގެ ފެށުން ކަމުގައިވި ހޫބޭ ޕްރޮވިންސުންނެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ހޫބޭ ޕްރޮވިންސުން މަރުވި މީހުންގެ އަދަދު 103އަށް އަރައެވެ.

ހޯމަ ދުވަހަކީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކޮރޯނާވައިރަސް ދެނެގަނެވުނުފަހުން އެއް ދުވަހާ އެންމެ ގިނަބަޔަކު މި ބަލީގައި މަރުވެދިޔަ ދުވަހެވެ. ކޮރޯނާވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު 1000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.

ކަންމިހެން އޮތް ނަމަވެސް، އާދީއްތަ ދުވަހާ އަޅާބަލާއިރު، ހޯމަ ދުވަހު މި ވައިރަހަށް ޕޮޒިޓިވްވި އާ މީހުންގެ ނިސްބަތްވަނީ 20 ޕަސެންޓް ދަށަށް ގޮސްފައެވެ. ހޫބޭ ޕްރޮވިންސުން އިއްޔެ 2097 ކޭހެއް އަލަށް ރެކޯޑްކޮށްފައިވާއިރު އާދީއްތަ ދުވަހު އަލަށް ބަލިޖެހިގެން ރެކޯޑްކޮށްފައި އޮތީ 2618 ކޭހެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ)އިން ޗައިނާއަށް ފޮނުވި، ސިއްހީ ތަޖުރިބާކާރުންގެ ޓީމު މިހާރު ތިބީ ޗައިނާގައި ކަމަށް ޚަބަރު ލިބެއެވެ.

ސިއްހީ އޮފިޝަލުންނާ ޝީ ބައްދަލުކުރެއްވުން

2019-އެންކޯވްގެ ބަލިމަޑުކަން ފެތުރެން ފެށިފަހުން ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވަނީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް ނިކުންނަވާ، ކޮރޯނާވައިރަހުގެ އަސަރުކޮށްފައިވާ ބަލި މީހުންނަށް ފަރުވާ ދެމުންދާ ސިއްހީ ދާއިރާގެ މުވައްޒަފުންނާވެސް ހޯމަ ދުވަހު ބައްދަލުކުރައްވާފައެވެ.

ޝީ ވަނީ، 2019-އެންކޯވްއާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް މިހާރަށްވުރެ ހާއްސަ ސަމާލުކަމެއް ދީގެން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާފައެވެ.

މުވައްޒަފުންނާ ބައްދަލުކުރެއްވިއިރު ޝީ ހުންނެވީ މާސްކެއް ތުރުކުރައްވައިގެންނެވެ. އޭގެ އިތުރުން ސިއްހީ ސަލާމަތީ ރައްކާތެރިކަމާ ގުޅޭ އެއްވެސް އާލާތެއް ބޭނުންކުރައްވާފައެއް ނުވެއެވެ.