މިހާރުގެ ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ފިޔަވައްޗަށް ޒިޔާރަތް ކުރައްވާ އެތާނގައި ތިބި ކުދިންނާ ބައްދަލު ކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިނިސްޓަރު ފިޔަވައްޗަށް ޒިޔާރަތް ކުރައްވައި އެ މަރުކަޒުގެ މުވައްޒަފުންނާއި ކުދިންނާ ބައްދަލު ކުރައްވައި އެ ތަނުގެ ހާލަތު އޮޅުންފިލުއްވާ ފައިވާ ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ. ފިޔަވަތީގައި ތިބި ކުދިންގެ ހާލަތީ ކޮބައިކަމެއް ނުވަތަ ފިޔަވަތިން މިނިސްޓަރަށް ފާހަގަ ވީ ކަމެއްވެސް ހާމައެއް ނުކުރެއެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމުން މިދިޔަ ހަފްތާގައި ޝިދާތާ ޝަރީފު އިސްތިއުފާ ދެއްވުމުން އެމަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ އައިޝަތު މުހައްމަދު ދީދީ މަގާމުގެ ހުވާ ކުރައްވާފައި ވަނީ އިއްޔެއެވެ.

އައިޝަތު މުހައްމަދު ދީދީ ޖެންޑާ މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ހުންނެވީ އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަގާމުގައެވެ.

އޭނާ ވަނީ 2005 އިން 2008 އަށް ޖެންޑާ މިނިސްޓަރުގެ މަގާމު ފުރުއްވާފައެވެ. އަދި އިޖްތިމާއީ ދާއިރާއިން ގިނަ އަހަރު ތަކެއްވަންދެން ގިނަގުނަ ހިދުމަތްތަކެއް އެކަމަނާ ވަނީ ކުރައްވާފައެވެ.

އޭގެ ތެރޭގައި ތައުލީމާއި، ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތްކުރުމަށް ހިލޭ ސާބަހަށް ވަކާލާތު ކުރެއްވުމާއި، ޖެންޑާ އީކުއަލިޓީ ކައުންސިލްގެ ޗެއާޕާސަން ކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޖެންޑާ ގެ މެންބަރުކަމާއި، އ.ދ. ގެ ޓާސްކް ފޯސް އޮން ޔޫތު އެންޑް އެޑޮލެސެންޓްސްގެ މެންބަރުކަމާއި، ޗިލްޑްރަންސް ހޯމް ގަވާނިން ބޯޑުގެ ޗެއާޕާސަން ކަމާއި، ކައުންސިލް ފޯ ދި ރައިޓްސް އޮފް ޗިލްޑްރަންގެ ޗެއާޕާސަން ކަމާއި، ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަންގެ މެންބަރުކަން ހިމެނެއެވެ.