އަދަބު ލުއިކޮށްދިނުމާއި މައާފުދިނުމަށް އެދި ގައިދީން ކްލެމެންސީ ބޯޑަށް ހުށަހަޅާ މައްސަލަތައް ތިން މަސް ތެރޭ ނިންމަންޖެހޭ ގޮތަށް އެ ބޯޑުގެ ގަވާއިދު ބަދަލުކޮށްފިއެވެ.
ކްލެމެންސީ ބޯޑުން ބުނީ މައާފު ދިނުމަށާއި އަދަބު ލުއިކޮށްދިނުމަށް އެދި އިލްތިމާސަށް ފޯމް ހުށަހަޅާތާ ތިން މަސް ތެރޭ ގޮތް ނިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުވަންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައި ވާ ކަމަށެވެ.
އެގޮތަށް ފާސްކުރީ އިއްޔެ ބޭއްވި ކްލެމެންސީ ބޯޑުގެ ބައްދަލުވުމުގައި ކަމަށްވެސް އެ ބޯޑުން ބުނެއެވެ.
އަދަބު ލުއިކޮށްދިނުމާއި މައާފު ދިނުމުގެ ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ ރައީސަކީ ބަންޑާރަ ނައިބެވެ. އެ ގާނޫނުގެ ދަށުން ކްލެމެންސީ ބޯޑުގެ މަސައްކަތައް ބޭނުންވާ އިދާރީ އެހީތެރިކަން ފޯރުކޮށް ދޭނީ އެޓާނީ ޖެނަރަލް (އޭޖީ) ގެ އޮފީހުންނެވެ.
ގައިދީންނަށް އަދަބު ލުއިކޮށްދިނުމުގެ ބާރު ރައީސަށް ލިބިދީފައި ވާއިރު، ދޭތެރެ ދޭތެރެއިން ގައިދީންނަށް ލުއި ދިނުމާއި މައާފު ދެއެވެ. އަދި ޖަލު ބަހައްޓަން ތިބޭ ފަރާތްތަކަށް އޮޅުން އަރައިގެން ކަމަށް ބުނެ މާފު ނުދޭ ގައިދީން ދޫވެފައި ހުރި މައްސަލަތައްވެސް ފެންމަތިވެފައި ވެއެވެ.