ރަށްރަށަށް އަންނަ ފަތުރުވެރިންގެ ސަބަބުން ދަރިން ތަރުބިއްޔަރު ކުރުމަށް ނޭދެވޭ އަސަރު ކުރާ ކަމަށް އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އަނީލް ވިދާޅުވީ ރަށްރަށަށް ފަތުރުވެރިން ގެންނަ "ޓުއާ ގައިޑުން" އާންމުން ދިރިއުޅޭ ރަށްރަށުގައި އާންމުން ދިރިއުޅޭ ރަށްރަށުގައި ހިފަހަށްޓަން ޖެހޭ މިންގަނޑުތަށް ވަރަށް ރަނގަޅަށް ކިޔައިދޭން ޖެހޭ ކަމަށެވެ.

އެގޮތަށް އަމަލު ނުކޮށްފިނަމަ ދިވެހިންގެ ސަގާފަތާއި ބީރަށްޓެހި މަންޒަރުތަށް ދަރިންނަށް ފެންނަން ދިމާވާ ކަމަށާއި ދަރީން ތަރުބިއްޔަރު ކުރުމަށް އަސަރު ކުރާ ކަމަށެވެ.

އަދި އެ ދަރީންގެ މުސްތަގްބަލަކީ އެންމެ މުހިންމު ވާންޖެހޭ އެއް ކަމަށް ވީއިރު، ފަތުރުވެރިންގެ ފަރާތުން މި ދިވެހި މުޖުތަމައު އާ ނުގުޅޭ މަންޒަރުތަކުން އުމުރަށް ހިތާމަ ކުރަންޖެހޭ ކަމެއް ވުން އެކަށީގެންވާ ކަމަށްވެސް އަނީލް ވިދާޅުވެއެވެ.

އަނީލް މިހެން ވިދާޅުވެފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރު މާފުށި މަގުމަތީގައި ފަތުވެރިއަކު ނިވާކަން ކުޑަ ހާލުގައި ރަށު ތެރޭގައި ހިނގާފައި ދަނިކޮށް ފުލުހުން އޭނާ ހުއްޓުވައިފައި ވުމުން ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބަޔާނެއް ނެރެފައި ވާއިރު އެ ނޫސް ބަޔާނުގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަތުރުވެރިޔާ އާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މައާފަށް އެދިފައެވެ.

ފުލުހުން ބުނެފައި ވަނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށްވީ ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ ލިބިފައެވެ.