ގެއެއްގެ ވައިގޮޅިން ވެއްޓި ބިދޭސީއަކަށް އަނިޔާވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މާލޭ ހެންވޭރު ގެއެއްގެ ވައިގޮޅިން މީހަކު ވެއްޓިފައިިވާ މައްސަލަ މިއަދު 2:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި ހާދިސާގައި އެ އިމާރާތުގެ 7 ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވެފައި ވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މީހާ ވެއްޓިފައި ވަނީ އެ އިމާރާތުގައި ކުރަމުންދިޔަ މަސައްކަތެއްގައި ބޭނުންކުރި 'ބޮސުންސް ޗެއާ' ގެ ވާގަނޑެއް ކަނޑައިގެން ދިއުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައި އަޅާފައިވާ ޝީޓާ ހަމައަށް އެ މީހާ ވެއްޓިފައިވާ ކަމަށެވެ.

މި ހާދިސާގައި އަނިޔާވި މީހާގެ ގައިގެ ބައެއް ތަންތަން މަށައިގެން ދިއުމާއި، ދޫ ކަނޑައިގެން ދިއުން ފިޔަވައި ބޭރުފުށުން އިތުރު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ އެ މީހާއަށް ފަރުވާދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީގައި ކަމަށެވެ.