މިޑިއާތައް ހިސޯރުކޮށްފައި ތިބި ކުންފުނިތަކާ ދެކޮޅަށް ވާހަކައެއް ލިޔަން ނުކުރޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ހުށަހެއްޅުއްވި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ، ނޫސް މަޖައްލާއާއި ޓީވީއާއި މީޑިއާތައް މޮނޮޕޮލީތަކުން "ހިސޯރު" ކޮށްގެން އުޅޭތީ ރައްޔިތުންގެ ސިކުނޑިތަކާ ކުޅުމުގެ ފުރުސަތު އެ ކުންފުނިތަކަށް ލިބިގެން ދާ ކަމަށެވެ. އަދި ވިޔަފާރީގެ މައިދާނުގައި އުޅޭ އެފަދަ ކުންފުނިތަކުން މީޑިއާތައް "ހިސޯރު" ކޮށްފައި ވާތީ އެ ކުންފުނިތަކާ ދެކޮޅަށް މީޑިއާގައި ލިޔަންވެސް ނުކެރޭ ކަމަށް އީވާ ވިދާޅުވިއެވެ.

"މޮނޮޕޮލީތައް ހިންގަން ފެށީމައި ވިޔަފާރިތަކަކަށް މަޖުބޫރެއް ނުވޭ އާ އީޖާތުތައް ނެރޭކަށް ވެސް. އަދި ވިޔަފާރިތަކަކަށް މަޖުބޫރެއް ނުވޭ މުދަލާއި ހިދުމަތުގެ އަގު ވީހާވެސް ކުޑަކޮށް ވީހާވެސް އެފިޝިއަންޓް ކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދޭކަށް ވެސް."
އީވާ އަބްދުﷲ

މި ބިލަށް އިތުރަށް ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، މޮނޮޕޮލީ ރެގިއުލޭޓް ކުރުން ނުވަތަ އެއްވައްތަރެއްގެ ވިޔަފާރިއެއް ހިންގާ އެއް ވިޔަފާރިއެއް މާ ފުޅާވެގެން ދިޔައިމައި، ދައުލަތުގެ ފަރާތުން ނުވަތަ އެކަމާބެހޭ މުއައްސަސާއަކުން އަދި ކޯޓުތަކަށް ލައިގެންވެސް ރެގިއުލޭޓް ކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ވާދަވެރިކަން އުފެދުނީމައި ކުންފުނިތަކަށް ވެސް މަޖުބޫރުވަނީ ވާދަވެރިންނަށް ވުރެ މާކެޓުގައި ކުރިއަރައިގެން ދާން ކަމަށާއި، ރަނގަޅު އަގުގައި އެންމެ ރަނަގަޅު މުދަލާ ހިދުމަތް ފޯރުކޮށްދިނުން މުހިންމު ވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އެ ބޮޑު އަގުގައި އެ ކުޑަކުޑަ ސްޕީޑުގައި ލިބޭ އިންޓަނެޓްގެ ހިދުމަތަކީ 2020ގެ އިންޓަނެޓްގެ ހިދުމަތޭ ދަންނަވަންވެސް އަޅުގަނޑަށް ނުކެރޭނެ."
އީވާ އަބްދުﷲ

މިސާލެއް ނަންގަވަމުން އިވާ ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކަށް ބަލާލިއަސް ދިރާގު އަދި އުރީދޫ ނޫން ކުންފުންޏެއް ޓެލެކޮމިއުނިކޭޝަން ހިދުމަތަށް އަންނަން ވެއްޖެ ކަމަށެވެ.

ދިރާގާއި އުރީދޫން ދޭ ހިދުމަތް ވަކި ރަނގަޅު ނުވި ކަމަށާއި ކޮންމެ ދުވަހަކުވެސް ހިދުމަތް ކެނޑުމުގެ މައްސަލަތައް އަންނަ ކަމަށް އީވާ ވިދާޅުވިއެވެ. ހަމައެއާއެކު ދުނިޔޭގެ އަގުތަކާ ބަލާފައި ވަކި އަގުވެސް ރަނގަޅު ނުވާކަމަށް އިވާ ފާހަގަ ކުރެއްވިއެވެ. އަދި މާލެއާ ނުލައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް އިންޓަނެޓް ހިދުމަތް "އަސްލު ލިބެއޭ" ދަންނަވަން ކެރޭ ވަރުވެސް ނުވާ ކަމަށް އީވާ ވިދާޅުވިއެވެ.

ރާއްޖޭގެ މުއާސަލާތީ ހިދުމަތް ފޯރުކޮށްދެމުންދާ އުރީދޫއާއި ދިރާގުން ދޭ އިންޓަނެޓްގެ ހިދުމަތް ކެނޑުމުގެ ޝަކުވާތައް އަންނަނީ ގިނަ ބަޔަކު ކުރަމުންނެވެ. އަދި އިންޓަނެޓުގެ އަގުތައް ދަށް ނުވާތީ އެ ޝަކުވާތައްވެސް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުގެ ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލު ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންޓަނެޓްގެ އަގު ދަށްކޮށް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް އަދިވެސް އިންޓަނެޓްގެ ހިދުމަތުގެ އަގު ދަށް ކުރެވިފައެއް ނުވެއެވެ.