ނުރައްކާތެރި ކޮރޯނާވައިރަހުގެ ސަބަބުން އާ އަހަރު ފެށުމުގެ މުނާސަބާއަށް އިތުރު ކުރި ޗުއްޓީގެ މުއްދަތު ނިންމާ، ޗައިނާގެ އެތައް މިލިއަން ބަޔަކު ވަޒީފާ ނިކުމެއްޖެއެވެ.

ރަސްމީ މަސައްކަތްތައް ފެށި ކަމުގައި ވީ ނަމަވެސް، ގިނަ މީހުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށް މައުލޫމާތު ލިބެއެވެ. ގެއިން ބޭރުގައި މަސައްކަތް ކުރަންޖެހޭ މުވައްޒަފުންވެސް ވީހާވެސް ދުރުދުރުގައި ތިބެގެން މަސައްކަތް ކުރުމަށް، ކަރަންޓީނު ގައިޑްލައިންތައް އިރުޝާދުދެއެވެ.

ރަސްމީ މަސައްކަތްތަކާ، ބައެއް ވިޔަފާރިތަކުގެ އޮޕަރޭޝަންތައް ފެށުމުގެ ސަބަބުން އާންމު ހާލަތަށް ރުޖޫއަށްވަމުން އަންނަ ކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވީ ނަމަވެސް، ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް ކޮންޓްރޯލް ވެފައި ނުވާކަމަށް ޚަބަރު ލިބެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން 40000އަށްވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓީވް ވެފައިވާއިރު މަރުވި މީހުންގެ އަދަދި 910 އަށް ވަނީ އަރާފައެވެ. މިއީ ފަހުގެ ތާރީހުގައި ޗައިނާގެ ތާރީހު ދުށް އެންމެ ނުރައްކާތެރި ބަލިމަޑުކަން ކަމަށްވި 2003 ވަނަ އަހަރުގެ ސާސް ރޯގާ ޖެހިގެން މަރުވި މީހުންނަށްވުރެ އިތުރު އަދަދެކެވެ. މީގެ އިތުރުން، މިއީ 2012 ވަނަ އަހަރު ޖަމަލުގެ ޒަރިއްޔާއިން އުފެދިގެން އައި މާސް ރޯގާގައި މަރުވި މީހުންނަށްވުރެވެސް އިތުރު އަދަދެކެވެ.