1441 ވަނަ އަަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، 1441 ވަނަ އަަހރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމާ ބެހޭގޮތުން މިދިޔަ އޭޕްރީލް 15 ވަނަ ދުވަހު ގެޒެޓް ކޮށްފައިވައި، ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގައިވާ ގޮތުގެ މަތިން އެކަމަށް ޝަރުތު ފުރިހަމަވާ ކުންފުނިތަކަށެވެ.
ޕްރޮޕޯޒަލް ފޮތާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް ދެވޭ މައުލޫމާތު ކަރުދާސް މިއަދުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިކަމާ ބެހޭ މައުލޫމާތު ދިނުމަށް ޕްރީ-ބިޑް ބްރީފިން މީޓިންއެއް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި އިސްލާމިކް މިނިސްޓްރީގެ މީޓިން ރޫމް 1ގައި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނިތަކުން މިމަހު 23 ވަނަ ދުވަހު 12:00 ގެ ކުރިން ރާއްޖެއިން ހައްޖަށް މީހުނން ގެންދިއުމާބެހޭ އުސޫލުގެ 7 ވަނަ މައްދާގެ (ހ) ގައިވާ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީ ދައްކަން ޖެހޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 8:30 އިން 12:00 އަށް އެ މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ބަލައިގަންނާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުމުގެ ފީއަކީ 10000 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މީގެއިތުރުން، އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ޕްރޮޕޯޒަލް ހުށަހަޅާނީ ސިޓީއުރައެއްގައި ބަންދު ކުރުމަށްފަހު ސިޓީއުރައިގެ ބޭރުގައި "1441 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި" މިހެން ލިޔެފައި ކަމަށެވެ. އަދި ޕްރޮޕޯޒަލްތައް ހުށަހެޅުމާއި ހުޅުވުމަށް ހަމަޖެހިފައި ވަނީ މިމަހު 24 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ކަމަށާއި، ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައި އިސްލާމިކް މިނިސްޓްރީގެ މީޓިންގ ރޫމް 1 ގައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ޕްރޮޕޯޒަލް ބަލައިގަންނަ ގޮތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. ޕްރޮޕޯޒަލް ހުށަހެޅޭނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފީ ދައްކާފައިވާ ކުންފުނިތަކަށެވެ.