ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ "ހަރުކަށި ފިކުރުގެ" މީހުން ދީފާނެ ނުރައްކާތެރި ހަމަލާއަކަށް ތައްޔާރުވެ ތިއްބެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރާ ގުޅޭ ގޮތުން ޓީވީއެމްގެ ޗެނަލެއްގެ ޕްރޮގްރާމަކަށް ރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ފިކުރު މީހުންގެ ކަންކަން ބަލައި މޮނީޓަކުރަމުން ގެންދަވާ ކަމަށާއި ނުރައްކާތެރި އަމަލެއް ހިންގުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަން ތައްޔާރަށް ތިއްބެވި ކަމަށެވެ.

އަދި އޭނާ ވިދާޅުވީ 2007 ވަނަ އަހަރު ސަލްޓަންޕާކްގައި ބޮން ގޮއްވި ހާދިސާއިން ފެށިގެން ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރެމުން ދިޔަ ނަމަވެސް ކުރީގެ ސަރުކާރުތަކުން އެކަން ހުއްޓުވުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ. އެކަމަށް ހައްލެއް ގެނައުމަށް މިހާރުގެ ސަރުކާރުން ގެނައި އެންމެ ބޮޑު ބަދަލަކީ އެ ވާހަކަ ފާޅުގައި ދައްކަން ފެށުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ފަހުކޮޅުގައި ހަރުކަށި ފިކުރުގެ މީހުންގެ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. މި ކަންކަން ގިނައިން ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ ލަނޑާ ނަގަން ދިޔަ ދޯންޏެއްގައި ހިނގި މާރާމާރިއަކަށް ފަހު ދެން ފެންމަތިވަމުން ދިޔަ ވާހަކަތަކެއްގެ ސަބަބުންނެވެ. އެގޮތުން މާރާމާރީ ހިންގި އިރު ހަމަލާ ލިބުނު ޒުވާނާ އުޅުނީ 13 އަހަރުގެ ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނި ކޮށްގެންކަމަށް ދެކެވުނު ވާހަކަ ހިމެނެއެވެ.

މީގެއިތުރުން ރަށެއްގައި މިސްކިތުގެ ޖަމާއަތުގައި ނަމާދުނުކުރާ ބަޔަކު އުޅެމުން ދިޔަ މައްސަލައަކާއި ކުޑަކުދިންނަށް ދޭން ޖެހޭ ވެކްސިނާއި އެކުދިން ސްކޫލަށް ނުފޮނުވާ ބެލެނިވެރިން އިހުމާލުވާ މައްސަލަތަކެއް ވަނީ ފެންމަތިވެފައެެވެ. މި މައްސަލަތަކާ ގުޅިގެން ފުލުހުންނާއި ސިފައިން އަދި ޖެންޑާ މިނިސްޓްރީން ހާއްސަ އޮޕަރޭޝަންތަކެއްވެސް ހިންގިއެވެ.