ކ. މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށީގައި ފަތުރުވެރިއަކު ހައްޔަރު ކުރީ ގޯހުން ނޫން ކަމަށް ދެކެވުމަކީ ކަންބޮޑުވުމެއް ކަމަށާއި ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރުމާއި އަންހެނެއްގެ ގަޔަށް، ބޮލަށް ފިރިހެން ފުލުހަކު އެރުން ފަދަ ކަންކަމަކީ ރާއްޖޭގެ ރީތި ނަން ހަރާބުވެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް ގެއްލުންވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ނަޝީދު މިހެން ވިދާޅުވެފައި ވަނީ ފަތުރުވެރިޔާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވިދާޅުވެފައި ވަަނިކޮށެވެ. އެ ވީޑިއޯއަށް ސޯޝަލް މީޑިއާގައި ފާޑު ކިޔުން އަމާޒުވުމުން ޓީވީއެމް ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވީ އެއަށްވުރެ ރަނގަޅަށް އެ ހާލަތު ކޮންޓްރޯލް ކުރެވޭނެ ކަމަށާއި ނަމަވެސް އެ ގޮތަށް އެހެން ނުވުމުން ހިތާމަ ކުރައްވާ ކަމަށެވެ. އަދި ސަލާމަތީ ނަޒަރުން ބަލާނަމަ އެ ހާލަތުގައި ފުލުހުން އަމަލު ކުރީ އެހާ ގޯސް ކަމަށް ދެންނެވޭކަށް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ބަޔާނެއް ނެރެފައި ވާއިރު އެ ނޫސް ބަޔާނުގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަތުރުވެރިޔާ އާއި އާންމުންގެ ފަރާތުން ފުލުހުން ވަނީ މައާފަށް އެދިފައެވެ.

ފުލުހުން ބުނެފައި ވަނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށްވީ ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންނާ އެއްފަދައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި އުޅޭއިރު ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ބޯލަނބާ ކިޔަމަންތެރިވުމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައި ވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފައެވެ.