9 ކިލޯގެ މަސްތުވާތަކެއްޗާއި 4 މިލިއަނަށް ވުރެ ގިނަ ފައިސާއާއެކު ޑްރަގް ނެޓްވޯކެއް އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި ފައިސާއާ މަސްތުވާތަކެތި އަތުލައިގެންފައި ވަނީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްފައި ދެ ދުވަހެއްގެ މަތިން ކަމަށެވެ.

ފުލުހުން ބުނީ އިންޓެލިޖެންސް މައުލޫމާތުތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހު 31 ވަނަ ދުވަހު މާލޭގެ 5 ގެއެއް އަދި މިދިޔަ ބުރާސްފަތި ދުވަހު މާލޭގެ 4 ގެއަކާއި ސައިކަލެއް ބަލާ ފާސް ކުރި ކަމަށެވެ.

މި ދެ އޮޕަރޭޝަނުގައި ޖުމްލަ 8 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވާއިރު، މި ދެ އޮޕަރޭޝަނުގައި ވަނީ ގިނަ އަދަދެއްގެ ފައިސާއާއި މަސްތުވާތަކެތި އަތުލައިގެންފައެވެ. މިއީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ނެޓްވޯކެއް އަތުލައިގަތުމަށް ހިންގި ހާއްސަ ދެ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެއެވެ.

މި ދެ އޮޕަރޭޝަނުގައި 9 ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައި ވާއިރު، 1522785 ދިވެހި ރުފިޔާ އަދި 173831 އެމެރިކާ ޑޮލަރު ވަނީ އަތުލައިގެންފައެވެ.

މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.