ރ.މަޑުއްވަރީން ހައްޔަރުކުރި މީހުންނަށް ދައުވާކުރަން، ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް މަޝްވަރާ ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރާ ދެކޮޅަށް މަޑުއްވަރީގައި ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި މީހުންގެ މައްސަލަ ޕީޖީއަށް ފޮނުވުމަށްޓަކައި ޕީޖީއާ މަޝްވަރާ ކުރަމުން ދާ ކަމަށެވެ. އަދި އެ މަޝްވަރާ ކުރުމުގެ ތެރެއިން ދައުވާ ކުރުމަށްޓަކައި އިތުރަށް ފުރިހަމަ ކުރުމަށް ބުނެފައިވާ ކަންކަމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިދިޔަ ޑިސެމްބަރު 19 ވަނަ ދުވަހުން ފެށިގެން މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި، ފުލުހުން ވަނީ ޖުމްލަ 6 މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރާއި، 34 އަހަރާއި 29 އަހަރުގެ 3 މީހެކާއި އުމުރުން 22 އަހަރާއި، 26 އަހަރު އަދި 28 އަހަރުގެ ދިވެހި ހަ ފިރިހެނުންނެވެ. އެ މީހުން ހައްޔަރު ކުރި އިރު، ފުލުހުން ވަނީ އެމީހުން އުޅުނު ގެތަކުން ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނާއި، ސައްހަ ނޫން ކަމަށް ބެލެވޭ ކައިވެނީގެ ސެޓްފިކެޓެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

"އައްސޭރި" ނަމުގައި ހިންގި އެ އޮޕަރޭޝަނުގެ ތެރެއިން ވަނީ 9 ގެއަކާއި ދޯންޏެއް ބަލާ ފާސްކޮށްފައެވެ.

މަޑުއްވަރީގެ ގެތައް ބަލައި ފާސް ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ސަލާމަތީ ބާރުތަކުން ހިންގީ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހުރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިއުމުގެ އަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓް ކުރުމަށް ހިންގާ މަސައްކަތާ ދެކޮޅަށެވެ.

މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު ދަނީ އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހުރޫމުކޮށް، އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި ބައެއް ފަރާތްތަކުން އަންހެނުންނާއި ކުޑަކުދިން މުޖުތަމައުއާ ވަކިކޮށް، ކުޑަކުދިންނަށް ސިއްހީގޮތުން ދިނުމަށް ލާޒިމުކުރާ ވެކްސިން ނުދީ، ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. ނަމަވެސް މިހާރުވަނީ އެ ކުދިންނަށް ވެކްސިންދީ ރައްކާތެރި މާހައުލަކަށް ބަދަލުކޮށްފައެވެ.