ގާބުރިއަކުން ޖަހައި މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ މައްސަލަ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުން ވަނީ ބަންދުން ދޫކޮށްލާފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޒުވާނުންގެ މެދުގައި މަޝްހޫރު މެރާކީ ކެފޭގެ ބިއްލޫރިގަނޑު ތަޅާލައި އިންޒާރުގެ ނޯޓް ތަތްކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 23 ވަނަ ދުވަހުގެ ރެއެވެ.

މެރާކީ ގެ ބިއްލޫރިގަނޑު ތަޅާލި އިރު ކެފޭ ބަންދު ކުރުމަށް ފަހު މުވައްޒަފުން އެތޭރޭގައި ތިބި ކަމަށާއި ބިއްލޫރިގަނޑު ތަޅާލުމުގެ ކުރިން ބަޔަކު ގޮސް އެތަނުގެ ބިއްލޫރިގަނޑުގައި ނޯޓެއް ތަތްކޮށް، އިންޒާރެއް ދީފައިވާ ކަމަށްވެއެވެ. މެރާކީއަށް ދިން އިންޒާރުގެ މެސެޖު ލިޔެފައިވާ ނޯޓުގައި ވަނީ ''އަންހެން. ފިރިހެން ނުވައްޗޭ. ފިރިހެނުން އަންހެން ނުވައްޗޭ'' މިހެންނެވެ.

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލީ އެތަނުގެ މުވައްޒަފެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި އަންހެނަކު ފިރިހެނުން ހެދުން އަޅާ ގޮތަށް ހެދުން އަޅައިގެން އުޅޭ ކަމަށް ބުނެ އޭނާއަށް ސޯޝަލް މީޑިއާގައި ފާޑުކިޔައި ރުޅިވެރިކަން އަމާޒުވެފައި ވަނިކޮށެވެ.