ކ. މާފުށީގައި އަންހެން ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތާމެދު ފަތުރުވެރިޔާ އާއި އާންމުންގެ ފަރާތުން ފުލުހުން މައާފަށް އެދިއްޖެއެވެ.

އެ މައްސަލައިއާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށާއި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ފަތުރުވެރިޔާ އާއި އޭނާގެ އާއިލާގެ އިތުރުން އާންމު ރައްޔިތުންނަށް ވެސް ދޭ ކަމަށެވެ.

ފަތުރުވެރިޔަކު ހައްޔަރުކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތް ބެލުމަށް އެރަށަށް ރޭގެ ވަގުތެއްގައި "ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑު" ގެ ޓީމެއް މާފުށްޓަށް ގޮސް ހާދިސާ ހިނގި ގޮތް ބަލަމުން އަންނަ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މައްސަލަ ބަލައި ނިންމާ، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރިޕޯޓު ކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކ. މާފުށިން އަންހެން ފަތުރުވެރިޔަކު ހައްޔަރު ކުރަން ޖެހުނީ، މަސްތުގެ ހާލުގައި ނިވާކަން ކުޑަ ގޮތަކަށް އެ ރަށުތެރޭގައި އުޅެމުންދާ ކަމުގެ ޝަކުވާ ލިބުމުން ކަމަށެވެ. އާންމުން ދިރިއުޅޭ ހިސާބުތަކުގައި ފަތުރުވެރިން "ބިކިނީ" ގައި އުޅުމަކީ މަނާކަމެކެވެ. އަދި އެކަން އެ ފަތުރުވެރިޔާއަށް ވިސްނައިދޭން އެވަގުތު އެތަނަށް ދިޔަ ފުލުހުން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ނުކިޔަމަންތެރިކަން ދެއްކުމުން އޭނާ ވަނީ ބާރުގެ ބޭނުންކޮށް ބިޑި އަޅުވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފަތުރުވެރިޔާ ހައްޔަރު ކުރުމުގައި ފިރިހެން ފުލުހުން ހަރަކާތްތެރި ވެފައިވަނީ އަންހެން ފުލުހުން އެ ރަށުގައި ނެތުމުން ކަމަށްވީ ނަމަވެސް އެފަދަ ހާދިސާއެއްގައި އެއަށް ވުރެން ރަނގަޅަށް އަމަލު ކުރެވޭނެ ކަމަށް ދެކޭ ކަމަށްވެސް ފުލުހުންގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހި ރައްޔިތުންނާ އެއްފަދައިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އިސްކަންދޭ ކަމަށެވެ. އެހެންކަމުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ވެސް އާންމު ރައްޔިތުން ދިރިއުޅޭ ރަށްތަކުގައި އުޅޭއިރު ހެދިފައިވާ ގަވާއިދުތަކާ އުސޫލުތަކަށް ބޯލަނބާ ކިޔަމަންތެރިވުމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ފަތުރުވެރިޔާ ހައްޔަރުކުރި ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ބޭރު ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވެސް މި މައްސަލަ ވަނީ އައިސްފައެވެ.