މާލޭ މަގުމަތީގައި ހުރި އަންހެނެއްގެ ގަޔަށް ކުޅުޖެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މަގުމަތީގައި ހުރި އަންހެނެއްގެ ގަޔަށް ހިނގާފައި ދިޔަ މީހަކު ކުޅުޖަހާފައިވާ މައްސަލައެއް މިއަދު 13:59 ހާއިރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، އަންހެން މީހާގެ ގަޔަށް ކުޅުޖަހާފައި ވަނީ މާލޭގެ ކޮން ހިސާބެއްގައި ކަމެއް އަދި ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެން ކުއްޖާއަކީ "ސޮމާސެޓް" ހޮޓެލްގެ ރިސެޕްޝަނުގައި މަސައްކަތް ކުރާ ކުއްޖެކެވެ. އަދި އެމީހާ ކުޅުޖަހާފައި ވަނީ އެ ކުއްޖާ ބުރުގާއަޅާފައި ހުރި ގޮތާ މެދު ހިތްހަމަ ނުޖެހިގެން ކަމަށާއި އެވަގުތު އާންމުން ވެގެން އެމީހާ ހުއްޓުވައި ފުލުހުންނަށް ހަވާލުކުރީ ކަމަށްވެސް މައުލޫމާތު ލިބެއެވެ.