އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިންފަތުރުވެރިއަކަށް ހަމަލާދީ ހިންގާފައި ވަނީ ފިނޑި އަމަލެއް ކަމަށާއި އެފަދަ އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި އެފަދަ އަމަލުތައް ހިންގާނެ ކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ޗައިނާ ދެމީހުނާއި އަދި އޮސްޓްރޭލިއާގެ މީހަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި އަމަލާއި ގުޅިގެން ބޭއްވި ނެޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ) ގެ ކުއްލި ބައްދަލުވުމަކަށް ފަހު ނެރުއްވި ނޫސްބަޔާނެއްގައެވެ.

ހުޅުމާލޭގައި މިދިޔަ އަންގާރަ ދުވަހު ތިން ފަތުރުވެރިއަކަށް ހަލަމާދިން މައްސަލައިގައި ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ.

ރައީސް ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި ތިން ފަތުރުވެރިއަކަށް ހަމަލާދީ ހިންގާފައިވާ ފިނޑި އަމަލެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުންނާއި މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތައް ކަމަށެވެ.

"ދިވެހިރާއްޖޭގެ ސަރަޙައްދުގައި މިފަދަ ފިނޑި އަމަލުތައް ހިންގުމަށް މަސައްކަތްކުރާ، އަދި މިފަދަ އަމަލުތައް ހިންގާނެކަމުގެ އިންޒާރުދޭ ފަރާތްތަކާއި ދެކޮޅަށް، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަމުންދާނެ ކަމުގައިވެސް ދަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ހުޅުމާލޭގައި ހިންގި ޢަމަލުގެ ފުރިހަމަ ތަހުގީގެއް ފުލުހުން ކުރަމުންދާ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި ތިން ބިދޭސީންނަށް ބޭނުންވާ ސިއްހީ ފަރުވާ ފޯރުކޮށް ދެމުން ދާކަމާއި އެ ތިން މީހުންގެ ހާލު ރަނގަޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ފަދަ ހަމަލާތަކާއި، ހަރުކަށި ފިކުރުގެ މިފަދަ އެހެން ޢަމަލުތަކަކީ ގައުމީ ސަލާމަތަށް ހުރި ވަރަށް ސީރިއަސް ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ދެކެން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިފަދަ އަމަލުތަކާ މެދު ފަރުވާތެރިވެ، ޝައްކުކުރެވޭ އެއްވެސް ކަމެއް ފެނިއްޖެނަމަ، ވީ އެންމެ އަވަސް ކަމާބެހޭ އިދާރާތަކާއި ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިވަޑައިގެންފައެވެ.

"މިފަދަ ނުރައްކާތެރި ޢަމަލުތަކާއި ހަރުކަށި ފިކުރުގެ އެއްވެސް އަމަލަކަށް ރާއްޖެއިން ފުރުސަތު ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން، މީގެ އިތުރުން މިފަދަ ހާދިސާތަކާއި ގުޅިގެން ރަސްމީ އިދާރާތަކުން ހާމަކުރާ މައުލޫމާތަށް މެނުވީ ބަރޯސާނުވުމަށް އެދިވަޑައިގަންނަވަން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި ހަމަލާގެ ފަހަތުގައިވާ ކަންކަމާއި ޝާމިލުވާ ފަރާތްތައް ހޯދާ، އިންސާފުގެ ކުރިމައްޗަށް ގެނައުމަށް، ފުލުހުން ކުރިއަށް ގެންދާ ތަހުގީގުގެ ކަންތައްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން އާންމުންނާ ހިއްސާ ކުރައްވަން ޖެހިވަޑައިގަންނަވާ މައުލޫމާތުތައް ވަގުތުން ވަގުތަށް ހިއްސާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.