މިދިޔަ އަހަރު ޕްރިމިއަމްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދައްކާފައި ވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ(އެމްއެމްއޭ)އިން ނެރެފައިވާ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކައިފިއެވެ.
މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ 2020 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ފާއިތުވެދިޔަ 5 އަހަރުގެ ތެރެއިންވެސް ގެއްލުމުގެ ބަދަލުގެ ގޮތުގައި ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން އެންމެ ބޮޑު އަދަދެއް ދޫކޮށްފައިވަނީ މިދިޔަ އަހަރުއެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޕްރިމިއަމްގެ ގޮތުގައި އެންމެ ގިނަ އަދަދެއް ދައްކާފައިވަނީ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ތެރޭގައި އަލިފާނުގެ ހާދިސާގެ ޕްރިމިއަމްގެ ގޮތުގައި އިންސުއަރެންސް ކުންފުނިތަކަށް ކަސްޓަމަރުން 307.2 މިލިއަން ރުފިޔާ ދައްކާފައި ވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ގެއްލުމުގެ ބަދަލުގެ ގޮތުގައި 275 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، 2018 ވަނަ އަހަރު ދޫކޮށްފައި ވަނީ 238.2 މިލިއަން ރުފިޔާވެ. 2017 ވަނަ އަހަރު 239.7 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު، 2016 ވަނަ އަހަރު 273.7 މިލިއަން އަދި 2015 ވަނަ އަހަރު 249.5 މިލިއަން ދޫކޮށްފައި ވާކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުން ބަދަލުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދޫކޮށްފައި ވަނީ ސިއްހީ އެކިއެކި ކަންކަމުގައެވެ. އެގޮތުން ސިއްހީ ކަންކަމަށް މިދިޔަ އަހަރުގެ ތެރޭގައި 99.5 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދެއް ދޫކޮށްފައި ވަނީ އަލިފާނުގެ އެކި ހާދިސާތަކަށެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކަށް 76.2 މިލިއަން ރުފިޔާ ދޫކޮށްފައި ވާއިރު 3 ވަނައަށް އެންމެ ގިނަ ފައިސާ ދޫކޮށްފައިވަނީ ކަނޑުއުޅަނދު ފަހަރުގެ އިންޝުއަރެންސް އަށެވެ. ކަނޑު އުޅަނދުތަކުގެ އިންޝުއަރެންސްގެ ގޮތުގައި 58 މިލިއަން ވަނީ ދޫކޮށްފައެވެ.