އިސްލާމްދީނުގެ ނަމުގައި އަނިޔާވެރިވެ މީހުންނަށް ހަމާލާދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި ކަމެއް ކަމަށާ އެމީހުންނާމެދު ފިޔަވަޅު އަޅައި އަމާންކަން ގާއިމު ކޮށްދެއްވާނެ ކަމަށް ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް ވިދާޅުވީ އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ވެ މީހުންނަށް ހަމާލާދީ ހެދުމަކީ އިސްލާމްދީނާ ބީރައްޓެހި އަމަލެއް ކަމަށެވެ.
އަދި އެފަދަ ކަންކަމަށް ދިވެހި އިސްލާމީ މުޖްތަމައުގައި އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާއި ޖިިނާއީ އަދުލުގެ ނިޒާމުން އެމީސްމީހުންނާ މެދު ފިޔަވަޅު އަޅައި އަމަން އަމާންކަން ގާއިމު ކޮށްދެއްވާނެ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލެއިން ހަމަލާދީފައި ވަނީ ޗައިނާ ދެ ފަތުރުވެރިޔަކާއި އޮސްޓްރޭލިއާގެ ފަތުރުވެރިއަކަށެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހަރުކަށި ފިކުރަށް ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ދީފައިވާ މި ހަމަލާގައި އަނިޔާވި މީހުންގެ ހާލަތު ގާތުން ބަލަމުންދާ ކަމަށްވެސް ފުލުުހުން ބުނެއެވެ. އަދި އެ ފަރާތްތަކުގެ ހާލަތު ރަނގަޅު ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުން ބުނެއެވެ.
މި ހަމަލާއާ ގުޅުން ހުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ދާ ވީޑިއޯ މެސެޖެއްގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މުއައްސަސާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން ދާއިރު، ދިވެހިންނާއި، ރާއްޖޭގައި އުޅެމުންދާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯގައި ބުނީ، މިއަދުން (އިއްޔެ) ފެށިގެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.
ފުލުހުންގެތެރޭގައި އެކި ރަށްރަށުގެ ބޭފުޅުން އުޅުއްވާއިރު، މޫނުފޮރުވައިގެންހުރެ ވާހަކަދެއްކިމީހާ އެއީ ކޮންރަށެއްގެ މީހެހްކަން ދެނެގަތުމަށް ފަސޭހަކަމެއް ލިބިގެންދާނެކަމަށްފެނޭ އެހެންމެ ކޮންގެއެއްގެ ކާކުކަން އެނގުމައްވެސް އެއަޑު ފާހަގަ ކުރެވިދާނެ. އަދި މީހާ ނޭނގުމަށްޓަކައި ހެލުމެޓު އަޅައިގެން އުޅޭއުޅުން ހުއްޓުވުމަށްޓަކައި މާލެސިޓީ ބުރިޖާއި ގުޅޭ ސަރަހައްދުގައި ނޫނީ ހެލްމެޓު އެޅުން މަނާކުރަންވެސް ވެއްޖެކަމަށް ފެނޭ.