ކުޑަކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ބަލަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އުތުރުގެ ރަށެއްގައި ދޮންބައްޕައަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ރިޕޯޓް އިއްޔެ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، މި މައްސަލާގައި ހިމެނޭ ކުޑަ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ޖެންޑާ މިނިސްޓްރީން ބުނެއެވެ.

ކުޑަކުއްޖަކަށް ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީން ބަލަމުންދާއިރު، މިހާރަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އިތުރުވެފައިވާ ކަން ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކު 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި މައްސަލައެއް އިއްޔެ ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހުވަދު އަތޮޅުގެ ރަށެއްގައި މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރަން ބިދޭސީ ފިރިހެނަކު އުޅުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ އިއްޔެ މެންދުރު 2:30 ހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާއިރު، އެ މައްސަލާގައި ހިމެނޭ ބިދޭސީ މީހާއަކީ ގަވާއިދާ ހިލާފަށް އެރަށުގައި ދިރިއުޅޭ މީހެއް ކަމާށާއި، އޭނާގެ އެއްވެސް ޑޮކިއުމަންޓެއް ނެތް ކަމަށް ފުލުހުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުނެއެވެ.