ޓެރަރިޒަމްގެ އަމަލު ހިންގާނެކަމަށް ބުނެ، އިންޒާރުދޭ މީހާގެ ވީޑިއޯ ޝެއާކުރުމަކީ ވެސް ޓެރަރިޒަމަށް ވާގިވެރިވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެއެވެ.

ފާއިޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޓެރަރިޒަމްގެ އަމަލު ހިންގާނެކަމަށް ބުނެ، އިންޒާރުދޭ މީހެއްގެ ވީޑިއޯއެއް، ސޯޝަލްމީޑިއާގައި ޝެއާކޮށް ލައިކު ދޭތަން ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެފަދަ ކޮންޓެންޓު ޝެއާކުރުމާއި، ލައިކު ދިނުމަކީ ވެސް ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިޒަމަށް ވާގިވެރިވެ، ހިތްވަރުދިނުމުގެ އަމަލެއް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް ވިދާޅުވީ، ޓެރަރިޒަމަށް ވާގިވެރިވުމަކީ ގާނޫނުގައި ބޮޑު އަދަބެއް ކަނޑައެޅިފައިވާ ކުށެއް ކަމަށާއި އެވީޑިއޯ ޝެއާކުރާ މީހުންގެ މަގުސަދަކީ ގިނަބަޔަކަށް ވީޑިއޯ ފެނުން ކަމަށް ވެދާނެ ކަމަށެވެ. ނަމަވެސް، އެފަދަ އަމަލުތައް ފެތެނީ ޓެރަރިޒަމްގެ ކޮންޓެންޓު އާންމުކޮށް ޝާއިއުކުރުމުގެ ތެރެއަށް ކަމަށް ފާއިޒް ވިދާޅުވިއެވެ.

ފާއިޒް މިހެން ވިދާޅުވީ، މިިދޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި 3 ފަތުރުވެރިންނަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާގެ ޒިންމާ ނަގާ ކަމަށް ބުނެ، ބަޔަކު އާންމު ކުރި ވީޑިއޯއާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، މިދިޔަ އަނންގާރު ދުވަހުގެ ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ.

އެ ވީޑިއޯގައި ބުނީ، ދެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ. ދައުލަތުގެ ވެރިން ދެކެ ބިރުން، ޖަލަށް ދާން ޖެހިދާނެތީ ދީން ވިއްކާލި "މުނާފިގު" ޝެއިހުންނަށް ވެސް އެ ވީޑިއޯގައި ވަނީ އިންޒާރު ދީފައެވެ. އެ ވީޑިއޯގައި ވަނީ މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ވެސް ގޮވާލާފައެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ދަނީ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގެ ސައްހަކަން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.