ރޭ ދަންވަރު އުތުރުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއްގެ އަސަރު ކޮށްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ރޭ ދަންވަރު އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ.

އެގޮތުން ބެލި ބެލުމުން ހދ. ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް ރޭ ރާއްޖެ ގަޑިން ދަންވަރު 01:47 ހާއިރު ލޮޅުމެއްގެ އަސަރު ކޮށްފައިވާކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހއ. ހޯރަފުށި ބިންގަނޑަށް ރޭ 1:45 ހާއިރު ލޮޅުމެއް އައިިކަމަށް އިހުސާސް ކުރެވިގެން ގިނަ ބަޔަކު ކަންބޮޑުވެގެން ގުޅި ކަމަށެވެ. އަދި އެވަގުތު މެޓް އޮފީހުން އެކަން ސާފުކުރެއްވި ކަމަށެވެ.

މެޓް އޮފީހުން ބުނެފައި ވަނީ އެއީ ބާރުމިން ބުނެދޭ ވަރަށް ވުރެ ދަށް ލޮޅުމެއް ކަމަށާއި އެ ލޮޅުމުގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ނުބެލެވޭ ކަމަށެވެ.