24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ހަވާލުކުރުމަށް ފެމިލީ ކޯޓުން އަމުރު ނެރެފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ، 24 ގަޑިއިރު ތެރޭގައި ކުއްޖާ ދައުލަތާ ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރު ނެރެފައިވާ ކަމަށެވެ. އެ ޢަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅާނަމަ، އެކަން ހުއްޓުވައި އެ ކުއްޖާ ދައުލަތާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް ޢަމުރުކޮށްފައިވާ ކަމަށެވެ.
މެދުރާއްޖެތެރޭ ރަށެއްގައި ދިރިއުޅޭ 6 އަހަރުގެ ކުޑަ ކުއްޖަކާ ހަވާލުވެތިބި ފަރާތްތަކުން އިހުމާލުވަމުންދާ މައްސަލައަކާ ގުޅިގެން އެ ކުއްޖާގެ ގާނޫނީ ބެލެނިވެރިކަން ދައުލަތަށް ނެގުމާބެހޭ މައްސަލައެއް ފެމެލީ ކޯޓަށް މިއަދު ހުށަހަޅާފައި ވަނީ ދައުލަތުގެ ފަރާތުންނެވެ. މި ކުއްޖާއަކީ ނުރައްކަލަށް ހުށަހެޅިފައި ހުރި ކުއްޖެއް ކަމުގައި ބެލެވޭތީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލާ ދިނުމަށް ދައުލަތުގެ ފަރާތުން އެދުމުން، މި މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށް ފެމެލީ ކޯޓުން މިރޭ ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.
މި 6 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވެގެން އައިސްފައި މިވަނީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. މަންމައަށް އޮޅުވާލައިގެން ބައްޕަ ވަނީ މިދިޔަ މަހުގެ 5 ވަނަ ދުވަހު މ. މުލަކަށް ކުއްޖާ ގެންގޮސްފައެވެ. ކުއްޖާ ގެންދިޔަަ އިރު ކުއްޖާގެ ހަޟާނާތު ވަނީ 2016 ވަނަ އަހަރު މުލަކު ކޯޓުން ކުއްޖާގެ މަންމަ ފަރާތު މާމައަށް ދީފައެވެ. މުލަކަށް ކުއްޖާ ގެންދިއުމުން ކުއްޖާގެ މަންމައާއި މާމަ ވަނީ ކުއްޖާ ހޯދަން އެތައް މަސައްކަތެއް ކޮށްފައެވެ.
6 އަހަރުގެ ކުއްޖާ 30 ދުވަސްވަން ދެން ދުރުގައި ހުރީ ހަމައެކަނީ މަންމައަކާ ނޫނެވެ. އެ ކުއްޖާގެ އެއްބަނޑު 8 އަހަރުގެ ދައްތައެއްވެސް ހުރެއެވެ. އަދި 2 އަަހަރު ވާން އުޅޭ އެއްބަނޑު އަންހެން ކޮއްކޮއެއް ވެސް ހުރެއެވެ.
ރޭގެ ވަގުތެއްގައި މަންމައަށް ކުއްޖާ ލިބިފައި ވަނީ ކުއްޖާއާ ހަވާލުވުމަށް ފުލުހުން އެދުމުގެ މަތިން މަންމައާއި މާމަ މުލަކަށް ގޮސްގެންނެވެ. ކުއްޖާ ގެންދަން ފެށުމުން މުލަކުން ކުއްޖާގެ ބައްޕަގެ އާއިލާއިން އަދި އެރަށު ރައްޔިތުންގެ ބައެއް މީހުން ނުކުމެ ވަނީ ކުއްޖާ ގެންދިއުމަށް ހުރަސް އަޅާފައެވެ. ކުއްޖާ މަންމައާއި މާމައާ ހަވާލުކުރުމުން ފުލުހުންނާ ދިމާއަށްވެސް ކުއްޖާގެ ބައްޕަގެ އާއިލާއިން ވަނީ ތުހުމަތުތަކެއް ކޮށްފައެވެ. އަދި އެކަމާ ގުޅިގެން މިއަދު މުލަކު ބައެއް ނިކުމެ ވަނީ އިހުތިޖާޖު ވެސް ކޮށްފައެވެ.