ރާއްޖޭގެ ދާއިހިލީ ކަންކަމަށް ގޮންޖަހާލައި ސަލާމަތަށް ނުރައްކާކުރުމުގެ ފުރުސަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބަދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، ރޭ ހުޅުމާލޭގައި ބޭރު 3 މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި ހާދިސާގެ ޒިންމާ ބަޔަކު އުފުލާ ކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ. އިމްރާން ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި އަދި ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މުދަލާއި ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

މިކަމާ ގުޅިގެން ޝެއިހް ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ، ގައުމަށް އައިސް ތިބޭ ބޭރުގެ މެހެމާނުންނަށް ކަމާ ބެހޭ އެމީހުންނާއި މެދު ހެޔޮކޮށް ކަންތައް ކޮށްދޭން ޖެހޭ ކަމަށެވެ. އަދި އެއްވެސް ގޮތަކުން އެމީހުންނަށް ދުއްތުރާލެއް ކުރުމަކީ ހަރާމް ކަމެއް ކަމަށާއި، އެފަދަ ކަންތައް ކުރާ މީހުންނާއި މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ޑރ. އިޔާޒް ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ބުނެފައި ވަނީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެއަކީ "ސުވަރުގެ" ކަމުގައި ބުނެ ދައްކާ ހުވަފެންތައް އަވާމެންދުރަކަށް ވެއްޖެ ކަމަށާއި، ރޭ ހުޅުމާލޭގައި 3 މީހަކަށް ވަޅިން ދިން ހަމަލާގެ ޒިންމާ އެމީހުން ނަގާ ކަމަށެވެ. އެ ވީޑިއޯގައި ބުނީ، މިއަދުން ފެށިގެން މިފަދަ ހަމަލާތައް ފަތުރުވެރިންނަށް ދެމުން ދާނެ ކަމަށެވެ. އަދި ދައުލަތުގެ ވެރިން ރައްޔިތުންނަށް އޮޅުވާލައި، ބަހަނާ ދައްކާ އެ މީހުންގެ އަނބިންނާއި ދަރިން ނިގުޅައިގަނެ، އެމީހުން ހައްޔަރުކޮށް، އާއިލާތައް ރޫޅާލާފައި ހަމަޖެހިގެން ނުތިބެވޭނެ ކަމަށެވެ.

ދައުލަތުގެ ވެރިން ދެކެ ބިރުން، ޖަލަށް ދާން ޖެހިދާނެތީ ދީން ވިއްކާލި "މުނާފިގު" ޝެއިހުންނަށް ވެސް އެ ވީޑިއޯގައި ވަނީ އިންޒާރު ދީފައެވެ. އެ ވީޑިއޯގައި ވަނީ މުސްލިމުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ދުނިޔޭގައި ދެމުންދާ ހަމަލާތަކާ ދެކޮޅަށް ތެދުވުމަށް ވެސް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރޭ ހުޅުމާލޭގައި 3 ފަތުރުވެރިންނަށް ތޫނުއެއްޗަކުން ހަމަލާ ދިން މައްސަލަ ފުލުހުން ބަލަމުންދާ ކަމަށާއި، އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އަކީ ސައްހަ ވީޑިއޯ އެއްތޯ ބެލުމަށް ވެސް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ރޭ ހުޅުމާލޭ ރެޑްބުލް ދަނޑު ކައިރިން 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 8:10 ހާއިރު ކަމަށް ބުނެއެވެ. މި ހަމަލާގައި އަނިޔާވެފައި ވަނީ ޗައިނާ ދެ ފިރިހެނުންނަށާއި އޮސްޓްރޭލިއާ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެމީހުންނަށް ހަމަލާ ދީފައިވަނީ ހެލްމެޓް އަޅައިގެން ސައިކަލެއްގައި ދިޔަ ދެމީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.

އަނިޔާވި ތިން މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ވާއިރު، އަނިޔާވި ތިން މީހުންގެ ތެރެއިން ޗައިނާ އެކަކަކީ ފަތުރުވެރިއެއް ކަމަށާއި އަނެއް ދެމީހުންނަކީ ރާއްޖޭގައި މަސައްކަތް ކުރާ ދެމީހުން ކަމަށް ފުލުހުން ބުނެއެވެ.