އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން، ގ. ނީރުވީކް، އަހްމަދު ހިޝާނަށް 2014 ވަނަ އަހަރު ގައުމީ އިނާމު ދިންއިރު އޭނާގެ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާކަމަށް ގައުމީ އިނާމާބެހޭ ކޮމެޓީން ބުނެފިއެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ރައީސްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން އެ ކޮމެޓީގެ ޗެއާޕާސަން އަނީސާ އަހްމަދު (ނއއވ) ވިދާޅުވީ ގައުމީ އިނާމު ދެއްވުމުގައި އަބަދުވެސް ބަލަންޖެހޭ ހުރިހާ ބެލުންތައް ބަލަމުންގެންދަވާ ކަމަށެވެ. އަނީސާ ވިދާޅުވީ އެއްވެސް ކުށުގެ ރިކޯޑެއް އޮތް ފަރާތެއްނަމަ އެ ފަރާތެއް އެއީ އެވޯޑް ލިބޭ ފަރާތެއްގެ ގޮތުގައި ނޮމިނޭޓް ނުވާނެކަމަށެވެ.
އަނީސާ ވިދާޅުވީ ހިޝަނަށްއަށް 2014 ވަނަ އަހަރު އިޖްތިމާއީ ހިދުމަތުގެ ދާއިރާއިން؛ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ޚިދްމަތް ކުރުމާއި، ފުދުންތެރި ބަޔަކަށް ހެދުމުގެ މަސައްކަތް ކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދިނުމުގައި ވެސް ކުށުގެ ރެކޯޑެއް ނެތްކަން ފުލުހުންގެ ފަރާތުންނާއި ކޯޓުންވެސް ކަށަވަރު ކޮށްފައިވާނެ ކަމާށެވެ.
ހިޝާނަށް އިނާމު ލިބުނީ ކޮމެޓީން އިނާމު ދިނުމުގައި ގެންގުޅޭ އުސޫލު ނުވަތަ މިންގަނޑު ގޯސްވެގެން ނޫންކަމަށާއި އެއީ އޭރު ބެލިއިރު ކުށުގެ ރިކޯޑެއް ނެތްކަމަށް ކޮމެޓީން ކަށަވަރު ކުރެވިފައިވާތީ ކަމަށް އަނީސާ ވިދާޅުވިއެވެ. އަނީސާ ވިދާޅުވީ ގައުމީ އިނާމު ލިބިފައިވާ ފަރާތެއްގެ އަތުން އެ އިނާމެއް ނިގުޅައިގަނެވޭނެ ހާލަތުވެސް އުސޫލުގައި ކަނޑައެޅިފައިވާ ކަމަށެވެ.