ކުޑަ ކުއްޖަކު އެކުއްޖާގެ މާމަ ހަވާލު ކުރުމަށް ތ. ތިމަރަފުށީ ކޯޓުން ނެރެފައިވާ ކޯޓު އަމުރެއް ތަންފީޒު ކުރުމަށް ފުލުހުން އެހީވެއްޖެެވެ.

ފުލުހުން ބުނީ މިމަހުގެ 2 ވަނަ ދުވަހު ތިމަރަފުށީ ކޯޓުން ފުލުހުންނަށް ނެރެފައިވާ ކޯޓު އަމުރެއްގައި ކުޑަ ކުއްޖެއްގެ މާމަ އެ ކުއްޖާ ހަވާލު ކުރުމަށެވެ. އަދި އިއްޔެގެ 14:00ގެ ކުރިން އެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެގޮތުން އެކުއްޖާގެ މާމަ ހެނދުނު ކުއްޖާއާއި ހަވާލުވުމަށް އައިއިރު، ކުއްޖާ ސްކޫލްގައި ހުރުމުން، ސްކޫލް ނިމުނީމަ 12:30 ހާއިރު ކުއްޖާ ގޮވައިގެން ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް ކުއްޖާގެ ބައްޕައަށް ފުލުހުން އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ ކުއްޖާ ހުން އައިސްފައިވާތީ ސްކޫލް ނިމުމުން ކުއްޖާގެ ބައްޕަ އޭނާ ގޮވައިގެން މުލަކު ހޮސްޕިޓަަލަށް ގެންގޮސް ހޮސްޕިޓަލުގައި ކުއްޖާ އެޑްމިޓް ކޮށްފައިވާ ކަމަށާއި އަދި ކުއްޖާގެ ހާލަތު އިނގޭނީ ބްލަޑް ޓެސްޓް ހަދާފައި 14:30 ގައި ކަމަށް ކުއްޖާ ބެލި ޑޮކްޓަރާއި ހަވާލާދީ ކުއްޖާގެ ބައްޕަ ބުނި ކަމަށް ފުލުހުން ބުންޏެވެ.

"އެކަމަކު ކޯޓު އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޖާގެ މާމަ ހޮސްޕިޓަލަށް ގެންގޮސް ލިޔުމުން ކުއްޖާވަނީ މާމައާއި ހަވާލުކޮށްފައި،" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ކުއްޖާގެ ހާލަތު ރަނގަޅު ކަމަށް ބުނެ ޑިސްޗާޖް ކުރަން 15:00 ހާއިރު ޑޮކްޓަރު ނިންމިއިރު، ހޮސްޕިޓަލް ކައިރިއަށް ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސްއަޅަފައިވާ ކަމަށެވެ. މިކަމާއި ގުޅިގެން ކުއްޖާއާއި ކުއްޖާގެ މާމަގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން، އެތަނަށް އެއްވެ ތިބި މީހުންގެ ގާތުގައާއި، އަދި ކުއްޖާގެ ބައްޕައަށް އެތައް ފަހަރަކު ފުލުހުން ނަސޭހަތްތެރިވެފައިވީ ނަމަވެސް އެމީހުން އެކަމަށް ހުރަސް އަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން ހޮސްޕިޓަލުގެ އެމްބިއުލާންސް ހަމަޖައްސައި، ކުއްޖާ ގޮވައިގެން ބަނދަރަށް ދިއުމަށް 19:00 ހާއިރު މަސައްކަތް ކުރުމުން ރައްޔިތުންގެ ބަޔަކު ނިކުމެ އެމްބިއުލާންސަށް ނުދެވޭ ގޮތައް ބިންމަތީގަިއ އޮށޯވެ، އެކަމަށް ހުރަސް އަޅާފައިވާ ކަމަށާއި އެހެންކަމުން ރައްޔިތުންނާއި ކުއްޖާގެ ސަލާމަތަށް ބެލުމަށްފަހު ކުއްޖާއާއި ކުއްޖާގެ މާމަ ގޮވައިގެން ހޮސްޕިޓަލުން ފައި މަގުގައި ޕޮލިސް ލޯންޗާއި ހަމައަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

"ކުއްޖާ ގޮވައިގެން ގެންދިޔަ މަގުމަތީގައި ފުލުހުން ބާރުގެ ބޭނުންކޮށްފައެއް ނުވާނެ، ނަމަވެސް އަންހެނަކު ކުއްޖާގެ މާމަގެ ބުރުގާގައި ހިފައިގެން އުޅެނިކޮށް މަގު މައްޗަށް ވެއްޓުނުކަން ފާހަގަކުރަން،" ފުލުހުން ބުންޏެވެ.

ތިމަރަފުށި ކޯޓުން ނެރެފައިވާ ކޯޓު އަމުރު އިއްޔެ ތަންފީޒު ކުރުމުގައި ގިނަ ގޮންޖެހުންތަކަކާއި އެކުގައިވެސް ގަޑިއަށް ކޯޓު އަމުރު ތަންފީޒުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކުއްޖާ ގޮވައިގެން ބައްޕަ ދިޔައީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. ކުއްޖާގެ މަންމައާ ބައްޕަ ކައިވެނި ރޫޅިފައިވާތާ ފަސް އަހަރު ވަނީ ވެފައެވެ. އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ކުއްޖާގެ މަންމަ އަދި މަންމަ ފަރާތު މާމަ ކައިރީ ތ. ތިމަރަފުށީގައެވެ. ދަރިފުޅު ހޯދަން ބައްޕަ 2016 ވަނަ އަހަރު މ. މުލަކު ކޯޓަށް ހުށަހަޅާފައި ވާއިރު، ކޯޓުން މައްސަލަ ބަލާ ނިންމީ ކުއްޖާގެ ހަޟާނަތު ކުއްޖާގެ މަންމަ ފަރާތު މާމައަށް ހަވާލުކުރާށެވެ. ހަޟާނަތުގެ މައްސަލަ ކުއްޖާގެ ބައްޕަ ހުށަހަޅާފައި ވަނީ 5 މެއި 2016 ގައެވެ. އަދި މި މައްސަލަ ބަލައި ނިމުނު ތާރީހަކީ 16 އޯގަސްޓް 2016 އެވެ.

ކުއްޖާގެ މަންމަ ތުހުމަތު ކުރަނީ އެކުއްޖާގެ ބައްޕަ ކުއްޖާ ގޮވައިގެން ފިލީ ކަމަށެވެ. ސަބަބަކީ ކުއްޖާ ގެންދާ ވާހަކަ ކުއްޖާގެ މަންމަ ގާތު ނުބުނެ އޮތުމުންނެވެ.