ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި އެކައުންޓް އޯޕަނިންގް އަދި ލޯން ސެންޓަރެއް ހުޅުވައިފިއެވެ.

އެގޮތުން އަމީނީ މަގު މާލޭ ސްކެއާ ގައި ހުންނަ ބީއެމްއެލްގެ ކަސްޓަމާ ސާވިސް ސެންޓަރުގެ ފުރަތަމަ ފަންގިފިލާގައި އެކައުންޓް އޯޕެނިންގް އަދި ލޯން ސެންޓަރެއް މިއަދުވަނީ ހުޅުވާފައެވެ. ބީއެމްއެލްއިން ބުނީ އަލަށް ހުޅުވުނު އެކައުންޓް އޯޕަނިންގް އަދި ލޯން ސެންޓަރުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން މެންދުރުފަހު 3:00 އަށެވެ. އަދި މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އެކައުންޓް ހުޅުވުމާއި، ޕާސަނަލް ލޯނާއި ހައުސިންގް ލޯނަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންގެ ލުއި ފަސޭހަކަމާއެކު ކިއުގައި މަޑުކުރަންޖެހޭ ވަގުތު މަދުކުރުމަށްޓަކައި، އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅުމަށް ކަސްޓަމަރުން ބީއެމްއެލްގެ ކޮންޓެކްޓް ސެންޓާ ގެ ފޯނު ނަންބަރު 3330200 އަށް ގުޅުއްވުމުން އެޕޮއިންޓްމަންޓް ހަމަޖައްސައިދެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ބޭންކުން ވަނީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ގިނަގުނަ އިންވެސްޓްމަންޓްތަކެއްކޮށްފަ ކަމަށާއި، އަލަށް ހުޅުވިގެންދިޔަ ޒަމާނީ ސެންޓަރުގައި ކަސްޓަމަރުންނަށް އެހީތެރިވުމަށް ހާއްސަ ޓީމެއް މަސައްކަތްކުރަމުންދާނެ ކަމަށެވެ. އަދި މިސެންޓަރުން ކަސްޓަމަރުން ބޭނުންވާނެ ފަދަ ފުރިހަމަ ހިދުމަތެއް ލިބިގެންދާނެކމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

މި ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނަށް އަލަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެއެވެ. ކާޑަށް އެދި ހުށަހެޅުމާއި، އިންޓަނެޓް ބޭންކިންގް އާއި އިންޓަނޭޝަނަލް ޓްރާންސްފާގެ ހިދުމަތާއި ފައިސާގެ މުއާމަލާތް ހިމެނޭ ހުރިހާ ހިދުމަތެެއް ލިބެމުންދާނީ މެއިން ބްރާންޗް އިންނެވެ. ސްޓޭޓްމަންޓް އަށް އެދި ހުށަހެޅުމާއި، ޗެކް ފޮތާއި ކާޑު ދޫކުރުމުގެ ހިދުމަތް ލިބެގެންދާނީ ކަސްޓަމާ ސާވިސް ސެންޓަރެއް އިންނެވެ. ފައިސާގެ މުއާމަލާތްތައް ފިޔަވައި ވިޔަފާރިތަކުން ބޭނުންވާ އެހެން ހުރިހާ ހިދުމަތެއް ދެމުންދާނީ ބީއެމްއެލް ބިޒްނަސް ސެންޓަރުން ނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގް ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސާވިސް ބޭންކިންގް ސެންޓާ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެ ބޭންކުން ބުނެއެވެ.