ރާއްޖޭގެ ހުރިހާ ރަށެއްގައި، ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުމުގެ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފިއެވެ.

މި ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުގެތެރެއިން 130 ހެލްތް ފެސިޓީއަކުން 6،461 ފަރާތައް މިބައްޔާ ބެހޭ މައުލޫމާތު ދީފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަތޮޅުތެރޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމުގެތެރެއިން ދޮރުން ދޮރަށް ޒިޔާރަށްކޮށް އާއްމުންނަށް މައުލޫމާތު ދިނުމާއި ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާއި ސަރުކާރުގެ އެކި އޮފީސްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށާއި އެހެނިހެން މުއައްސަސާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ސެޝަންތައް ނަގާދެވިފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގެ ޕަބްލިކް ހެލްތް ވާކަރުން، ޑޮކްޓަރުން، ނަރުހުން އަދި ލެބޯޓްރީ ޓެކްނީޝަނުންނަށް ޓެލެކޮންފަރަންސެއް ބާއްވާފައިވެއެވެ. މި ޓެލެކޮންފަރަންސްގައި 306 ފަރާތެއް ވަނީ ބައިވެރިވެފައެވެ. މިހަރަކާތުގެތެރެއިން ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާވައިރަހާއި ގުޅޭ މަޢުލޫމާތާއި އެވައިރަސް ފެތުރޭ ގޮތާއި އޭގެއިން ރައްކާތެރިވުމަށް ފަރުދީގޮތުންނާއި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ މައުލޫމާތުދީފައިވެއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުގައިވެސް މި ހަރަކާތް ބާއްވާފައިވާއިރު، ނޮވެލް ކޮރޯނާވައިރަސްއާ ބެހޭ އާންމު މައުލޫމާތު ދިނުމާއި ޕޯޓް ތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރާ ތަކެތި ރަނގަޅުގޮތުގައި ބޭނުންކުރާ ގޮތް ކިޔާދީފައިވެއެވެ. އަދި އާއްމުން މި ބައްޔައް ހޭލުންތެރިކުރުވުމުގެ ގޮތުން މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތަކާއި މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގާފައިވެއެވެ. މީގެއިތުރުން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށްގެން މޯލްޑިވްސް ރެޑްކްރެސެންޓާއެކު ހޭލުންތެރިކުރުވުމަށް 5 ބަހަކުން ހޭލުންތެރިކުރުވުމުގެ މައުލޫމާތު ތައްޔާރުކޮށް މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން ނޮވެލް ކޮރޯނާވައިރަސްއަށް ތައްޔާރުވުުގެ ގޮތުން އެއާޕޯޓްގައި ހަރަކާތްތެރިވާ މުއަައްސަސާތަކަށް ފަރިތަ ކުރުމުގެ ޓޭބަލް ޓޮޕް އެކްސަސައިޒް އެއް ކުރިއަށްގެންދެވިފައިވެއެވެ. މިހަރަކާތުގައި އިންޓަރނޭޝަނަލް ބޯޑާ ހެލްތް، މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ، އެމް އެން ޑީ އެފް، އެވްސެކޮމް، ޕޮލިސް، ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، މިނިސްޓްރީ އޮފް ހެލްތް އަދި އެޗް ޕީ އޭ އިން 75 ފަރާތެއް ބައިވެރިވެފައިވެއެވެ.