އެ ވައިރަހަށް އިންފެކްޓްވެފައިވާ މީހުންގެ އަދަދު ގުނަނީ ހާހުންނެވެ. މަރުވި މީހުންގެ އަދަދު ސަތޭކައިން ގުނެއެވެ. ވައިރަހުގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، އެތައް މިލިއަން މީހުންނެއްގެ އާބާދީއެއް އޮތް ސިޓީއެއްގައި ތަޅުއަޅުވައިފިއެވެ. ދުނިޔެ ޖެހިލުންވާ ވަރުގެ ބަލިމަޑުކަމަކަށް އެކަންވެއްޖެއެވެ. ނަމަވެސް އަދިވެސް، އެ ބަލިމަޑުކަން ފަތުރާ ވައިރަހަށް، ހާއްސަ ނަމެއް ނުކިޔައެވެ.

މީޑިއާތަކުގައި އެ ވައިރަހަށް މުހާތަބު ކުރަނީ ކޮރޯނާވައިރަހުގެ ނަމުންނެވެ. ނަމަވެސް އެއީ އެވައިރަސް ނިސްބަތްވާ އާއިލާގެ އާންމު ނަމެވެ. ޗައިނާގެ ވޫހާންގައި ގަވައިދާ ހިލާފަށް ވަލުޖަނަވާރުގެ ވިޔަފާރި ކުރަމުންދިޔަ ސީފުޑް މާކެޓަކުން މިދިޔަ އަހަރުގެ ފަހުކޮޅު އުފެދިގެން އައި ކޮރޯނާވައިރަހުގެ އާއިލާގެ އާ ވައިރަހަށް، ސިއްހީ ތަޖުރިބާކާރުން ދިން ވަގުތީ ނަމަކީ 2019 ނޯވެލް ކޮރޯނާވައިރަސް (ކޮރޯނާވައިރަހުގެ އާ ރޯގާ) ނުވަތަ "2019-އެންކޯވް)އެވެ. ނަމަވެސް، މިއީ ގިނަ ބަޔަކަށް ކިޔަން މާ ފަސޭހަ ނަމަކަށް ނުވެ، ހަމައެކަނި އެކަނި ކޮރޯނާވައިރަހުގެ ނަމުން މުހާތަބު ކުރަން ފެށީއެވެ.

2019-އެންކޯވްއަށް ހާއްސަ ނަމެއް ކިއުމަށް ސައިންސްވެރިން ދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ. އެވެރިން ބުނާ ގޮތުގައި، މިކަމަށް ދެން މާ ގިނަ ވަގުތެއް ނުނަގާނެއެވެ.

ޗައިނާގެ ހުނާން ޕްރޮވިންސްގެ ރޭލު ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތުގައި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ/ފޮޓޯ: ރޮއިޓާޒް

ހާއްސަ ނަމެއް ނުދެވި ލަސްވީ ކީއްވެ؟

ޖޯން ހޮޕްކިންސް ސެންޓާ ފޮ ހެލްތް ސެކިއުރިޓީގެ ސީނިއާ ސްކޮލާ އަދި އެސިސްޓަންޓް ޕްރޮފެސާ ކްރިސްޓަލް ވޮޓްސަން ބުނާ ގޮތުގައި، ވައިރަހަށް ނަން ކިއުމަކީ ގިނަ ފަހަރަށް ދިގުލާ ދާ މަރުހަލާއެކެވެ. މިފަހަރުގެ ހާލަތަށް ބަލާއިރު، މިކަން ލަސްވެފައިވަނީ އާންމު ސިއްހަތު ސަލާމަތް ކުރުމަށް އިސްކަމެއް ދެވުމުގެ ސަބަބުން ކަމަށާ، އެކަމަކީ ގަބޫލުކުރެވެނިވި ހުއްޖަތަެއް ކަމަށްވެސް އޭނާ ބުނެއެވެ.

ކަންމިހެން އޮތް ނަމަވެސް، ވައިރަހަށް ހާއްސަ ނަމެއް ކިއުމަކީ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަންވެސް ވޮޓްސަން ފާހަގަކުރެއެވެ. މި ވައިރަހަށް ސައިންސްވެރިން މުހާރަބު ކުރަމުންދަނީ ކުރިންވެސް ދެންނެވި ފަދައިން ނޮވެލް ކޮރޯނާވައިރަހުގެ ގޮތުގައެވެ. އެއީ ކޮރޯނާވައިރަހުގެ އާއިލާއިން އުފެދުނު އާ ވައިރަހަކަށް ވާތީއެވެ. ކޮރޯނާވައިރަހަށް ވަނީ މައިކްރަސްކޯޕެއްގެ އެހީގައި ބަލާލުމުން، ވައިރަހުގެ ބައިތައް 'ކްރައުން' ނުވަތަ ތާޖުގެ ތުނޑުތަކުގެ ބައްޓަމަށް އެ ބައިތައް ހުންނާތީއެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ލަފާދެނީ، ވޫހާންއިން އުފެދިގެން އުޅޭ ރޯގާއަށް 2019-އެންކޯވް ކިއުމަށެވެ. މި ނަމުގައި އެކުލެވޭ "2019" ނިސްބަތްވަނީ ވައިރަސް އުފެދި، ފެތުރުނު އަހަރަށެވެ. "އެން" ނިސްބަތްވަނީ ނޮވެލް ނުވަތަ 'އާ'ކަން ރަމްޒުކޮށްދިނުމަށެވެ. "ކޯވް" ރަމުޒުކުރަނީ ކޮރޯނާވައިރަހެވެ. ނަމަވެސް އަދާޖެހުނު އިރުވެސް، އެނަން ހަރުލާ ގޮތެއް ނުވެއެވެ.

ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރެވޭ ލޭގެ ސާމްޕަލްގައި

"މިހާރު ދީފައި އޮތް ނަމަކީ މާ ފަސޭހަ ނަމެއް ނޫން. ވަކިން ހާއްސަކޮށް މީޑިއާތަކުންވެސް އެނަން ބޭނުމެއް ނުކުރޭ" ނަން ހަރުނުލައިގެން އުޅޭ ސަބަބު ބަޔާން ކުރަމުން ވޮޓްސަން ކިޔައިދިނެވެ.

މި ބައްޔަށް ކަނޑައެޅި ރަސްމީ ނަމެއް އަދިވެސް ހާމަކޮށްފައި ނެތުމުގެ ނަތީޖާއަކަށް ވެފައިވަނީ ތަފާތު އެކި ނަންނަމުން މި ބައްޔަށް ނަންދެވުމެވެ. ބައެއް ފަރާތްތަކުން "ޗައިނާ ވައިރަސް" ބޭނުންކުރާއިރު، މިއީ ވަކި އާބާދަކަށް ކުރެވޭ ފުރައްސާރައަކަށް އޮތީ ވެފައެވެ. ސޯޝަލް މީޑިއާގައި ނަމެއް ލިޔެފިނަމަ އެ ނަމެއް ފެތުރި، ގުގުމައިގެން ދެއެވެ.

ވައިރަހަށް ނަންދެނީ ކޮން ބައެއް؟

ވައިރަހަށް ނަންދިނުމުގެ ޒިންމާ މިހާރު އޮތީ އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސޮނޮމީ އޮފް ވައިރަސަސް (އައިސީޓީސީ)ގެ ދަށުގައެވެ. މާޒީގައި ފެތުރުނު ބަލިމަޑުކަމުގެ ހާލަތްތަކަށް ބަލާއިރު ވައިރަހަކަށް ނަންދިނުމުގައި އައިސީޓީސީ އިތުރަށް ސަމާލުވާންޖެހެއެވެ. 2009 ވަނަ އަހަރު ފެތުރުނު އެޗްވަންއެންވަން ވައިރަހަށް 'ސްވައިން ފްލޫ'ގެ ނަމުން ނަންދިނުމުގެ ނަތީޖާއަކަށްވީ، މިސްރު ފަދަ ގައުމުތަކުން، އެގައުމުގައި ހުރިއްޔާ ހުރި ހުރިހާ އޫރެއް ނައްތާލުމެވެ. ނަމަވެސް އެއީ ފަހަރެއްގައިވެސް އޫރުގެ ހަށިގަނޑުން އިންސާނުންނަށް ވާރުތަވަމުންދިޔަ ވައިރަހެއް ނޫނެވެ.

2015 ވަނަ އަހަރު ފެތުރުނު 'މާސް" ނުވަތަ މިޑްލްއީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމްއަށްވެސް ޑަބްލިއު.އެޗް.އޯއިންވަނީ ފާޑުކިޔާފައެވެ. މިފަދަ ގޮތަކަށް ވައިރަހަކަށް ނަންދިނުމުން އެ ނިސްބަތްވާ ތަނަކަށް ނުވަތަ ބަޔަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. ދީނީ ގޮތުންނާ ނަސްލީ ގޮތުން ހަމަނުޖެހުންތަކެއް އުފެދި، ވިޔަފާރިއާއި ދަތުރުފަތުރުގެ ކަންކަމަށް ހުރަސްތައް ކުރިމަތިވެއެވެ. މީގެ އިތުރުން ބޭކާރު ގޮތެއްގައި ޖަނަވާރު މަރާ ހުސްކުރުން ފަދަ ހާލަތްތައް މެދުވެރިވާކަމަށްވެސް ދުނިޔޭގެ ސިއްހަތުގެ ޖަމިއްޔާއިންވަނީ ފާހަގަކޮށްފައެވެ.

ކޮރޯނާ ވައިރަސްއަށް ސިއްހީ ގޮތުން ކަމުގެ މާހިރުން އެހީތެރިވަނީ / ފޮޓޯ: ޓްވިޓާ

2019-އެންކޯވްއަށް ނަންދެނީ ކިހިނެއް؟

މިފަދަ އެތައް ކަމަކަށް ރިއާޔަތްކޮށް، އާ ވައިރަހަށް ނަންދިނުމުގައި ހިމަނައިގެން ނުވާނެ ކަންތައްތަކެއް ހިމަނައިގެން ގައިޑްލައިންއެއްވެސް މިހާރު ވަނީ އެކުލަވާލާފައެވެ. އެގޮތުން އަލަށް އުފެދޭ ވައިރަހަކަށް ނަން ދިނުމުގައި ހިމަނައިގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި:

  • ޖިއޮގްރަފީ ގޮތުން އުފެދިފައި އޮންނަ މަންޒިލެއްގެ ނަން
  • މީހުންގެ ނަން
  • ކާއެއްޗެއް ނުވަތަ ޖަނަވާރެއްގެ ނަން
  • ވަކި ސަގާފަތެއް ނުވަތަ ސިނާއަތަކަށް ހަވާލާދެވޭ ނަން

2019-އެންކޯވްއަށް ދޭ ނަމަކީ، ސާސް (ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް) ފަދަ ކުރު ނަމަކަށް ވާންޖެހެއެވެ.

އައިސީޓީސީގެ ސްޓަޑީ ގްރޫޕެއްގައި އޭނާފަދަ 10 މީހުންނާއެކު މަސައްކަތްކުރަމުންދާ އެކަކީ ޕްރޮފެސާ އޮފް ވައިރޮލޮޖީ ބެންޖަމީން ނިއުމަންއެވެ. އެމީހުންގެ މަސައްކަތަކީ 2019-އެންކޯވްއަށް ރަސްމީ ނަމެއް ދިނުމެވެ. ނިއުމަން ބުނާ ގޮތުގައި މި ނަމަކީ އެހެން ހުރިހާ ނަމަކަށްވުރެ ދުލަށް ފަސޭހަ ނަމަކަށް ވާންޖެހެއެވެ.

2019-އެންކޯވްއަށް ރަސްމީ ނަމެއް ދިނުމުގެ މަސައްކަތް އައިސީޓީސީގެ ސްޓަޑީ ގްރޫޕުން ފެށީ މީގެ 2 ހަފުތާއެއްހާ ދުވަސްކުރިންނެވެ. އެމެރިކާގެ ޓެކްސަސް އޭ އެންޑް އެމް ޔުނިވާސިޓީ ޓެކްސަކާނާގެ ބައޮލޮޖިކަލް ސައިންސަސް ޑިޕާޓްމަންޓްގެ ޗެއާމަން ޕްރޮފެސާ ނިއުމަން ބުނާ ގޮތުގައި 1 ނަމަކަށް އިއްތިފާގުވުމަށް 2 ދުވަސް ވަނީ ހޭދަވެފައެވެ.

ނިއުމަންގެ ޓީމުން މީހާރު މަސައްކަތް ކުރަމުންދަނީ ސައިންސް ޖާނަލްއަކަށް މި ނަން ހުށަހަޅައިގެން އެ ނަން އާންމު ކުރުމަށެވެ. މިކަމަށް ދެން މާ ގިނަ ދުވަހެއް ނުވާނެއެވެ. ނަމަވެސް އެދެވުނީ ރަނގަޅު ނަމެއްކަން ނުވަތަ ނޫންކަން އެނގެނީ ފަހުން ކަމަށް ނިއުމަން ބުނެއެވެ.