ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް ފެންމަތިވެފައި ވަނިކޮށް ދަރުމަވެރިއެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ އަހުމަދު ހިޝާންގެ އެފަދަ މައްސަލަތަކެއް ފާހަގަވެ، ޖެންޑާ މިނިސްޓްރީން ފިޔަވަޅު ނާޅާ އޮތުމުން މިނިސްޓަރު ޝިދާތާ ޝަރީފު ފެއިލްވެއްޖެ ކަމަށް މަޖިލީހުގެ ގިނަ މެންބަރުން ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމުް މިއަދު މަޖިލިހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ގިނަ މެންބަރުން ވަނީ ޝިދާތާއަށް ވަރަސް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މީކާއިން ވިދާޅުވެފައިވަނީ ދުނިޔޭގެ ލަދަށްވެސް ޝިދާތާ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

"ދުނިޔޭގެ ލަދަށް ޓަކައި ނަމަވެސް މިނިސްޓަރު ޝިދާތާ އިސްތިއުފާ ދެއްވަން އެބަ ޖެހޭ. އިސްތިއުފާ ނުދެއްވައިފި ނަމަ އަޅުގަނޑު އިޚުލާސްްތެރިކަމާ އެކު މި އިލްތިމާސް ކުރަނީ ސަރުކާރަށް ވެސް ޖެންޑާ މިނިސްޓަރު ވަކިކުރައްވަން އެބަ ޖެހޭ،"
މީކާއީލް

މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލައިގައި، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ހިޝާނަށް ކުރެވޭ ކަން އެނގި ތިބެ، އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައާއި، 19 އަހަރުގެ މީހެއްގެ ބެލެނިވެރިކަން ފެމިލީ ކޯޓުން ނަގައި ނުދިނުމުން ވެސް ހިޝާން އެ ޒުވާނާ ގޮވައިގެން އުޅުނު އިރު، އޭނާގެ ހިމާޔަތުގައި މިނިސްތްރީން އެއްވެސް ކަމެއް ނުކޮށް އޮތުން ފާހަގަ ކޮށްފައި ވެއެވެ.

މިއަދު މަޖިލީހުގެ ތަޅުން ހޫނުވެ، ގިނަ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލެއްވި އިރު ބައެއް މެންބަރުން ވަނީ ޝިދާތާގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންވެސް ގޮވާލައްވާފައެވެ. އެގޮތުން އެމްޑީޕީގެ ޗެއާޕާސަން ހަސަލް ލަތީފު ވިދާޅުވީ މި ޒާތުގެ ކަންކަން ހިނގަމުން ދާއިރު މަޑުން ނުތިއްބެވޭނެ ކަމަށާ މިނިސްތަރު އިސްތިއުފާ ދެއްވުމަށެވެ.

"އަޅުގަނޑު އެދެން ވަރަށް އިޚުލާސްތެރިކަމާ އެކީގައި ޖެންޑާ މިނިސްޓަރު އިސްތިއުފާ ދެއްވުމަށް. އަޅުގަނޑުމެން، އިއްޒަތްތެރި ރައީސް އޯގާތެރި ސަރުކާރުގެ ވާހަކަ ދައްކަމުން އައި ޕާޓީ، ދިވެހި ރައްޔިތުންގެޑިމޮކްރެޓިކް ޕާޓީއަކަށް ނޯވެވޭނެ، މި ކަހަލަ ކަންކަން ހިނގަމުން ދާއިރު ދެ އަތް އުރާލައިގެންނެއް،"
ހަސަން ލަތީފް

ހިޝާންގެ ބެލުމުގެ ދަށުގައި ޒުވާނަކު ހުންނަ ކަން، ހިޝާނަށް އެމްބެސެޑެޑަރުކަން ދިން އިރުވެސް ޖެންޑާއަށް މިނިސްޓްރީއަށް އެނގެއެވެ.