ދަރުމަވެރިޔާ އަދި ކުރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހްމަދު ހިޝާންގެ މައްސަލައިގައި އިހުމާލުވި ހުރިހާ ފަރާތްތައް އިސްތިއުފާ ދިނުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ގޮވާލައްވައިފިއެވެ.

މީކާއީލް މިހެން ވިދާޅުވީ، ހިޝާނަކީ ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހެއްކަން ފުލުހުންގެ އިންޓެލިޖެންސުން ޖެންޑާ މިނިސްޓްރީ އަށް މާކުރިން ވެސް އަންގާފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

މީކާއިލް ވިދާޅުވީ، ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން އެނގި ތިބެ، ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހަކަށް އެމްބެސަޑަރުކަންދީ، ގައުމީ އިނާމުދީފައިވާ ކަމަށެވެ. ހަމައެއާއެކު ހިޝާން ޝާމިލުވާ ކުޑަކުއްޖެއްގެ ބެލެނިވެރިކަމުގެ މައްސަލައިގައި އިހުމާލުވި ހުރިހާ ފަރާތްތައް އިސްތިއުފާ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ހައިކޯޓުގައި އޮތް އިސްތިއުނާފްގެ މައްސަަލއިގެ އަޑުއެހުަމށް ހިޝާން އަދި އެ ކުއްޖޭގެ ބެލެނިވެރިއާ ވެސް ހާޒިރެއް ނުވެއެވެ. އެ މައްސަލަ ބާތިލްވި ނަމަވެސް ތުހުމަތުތަކުގެ ސީރިއަސް ކަމުން، މައްސަލަ ބައްލަވާ ބެންޗުން ވަނީ މިއަދުގެ އަޑުއެހުމަށް ޖެންޑާ މިނިސްޓްރީގެ ވަކީލާއި ބަންޑާރަ ނައިބު އޮފީހުގެ ފަރާތުން ވަކީލަކު ހާޒިރުކޮށް، އެ އެކަމުގައި ދައުލަތުން އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވޭތޯ ސުވާލުކޮށްފައެވެ.

ހިޝާން އަކީ މީގެކުރިން ވެސް ޑިސްއެބިލިޓީ އެމްބެސެޑަރުގެ ގޮތުގައި ހަމަޖައްސާފައި ހުރި މީހެކެވެ. ނަމަވެސް ކުރީ ސަރުކާރުގައި، ޖެންޑާ މިނިސްޓަރު ކަމުގައި އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ހުންނެވި އިރު، އެ މަގާމުގެ މުއްދަތު ހަމަވުމުން ހިޝާނަށް އަލުން އެ މަގާމު ދީފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުން ހިޝާނަށް އޮނަރަރީ އެމްބެސެޑަރުކަން ދީފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ބޭއްވި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ހަފްލާގައެވެ.