ހުޅުމާލޭގައި ތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ދިން ހަމަލާ އެމްއާރްއެމުން ކުށްވެރިކޮށްފިއެވެ.
އެމްއާރްއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ، އެ ހަމަލާ ދިން ފަރާތްތައް ހޯދަން ޖެހޭނެ ކަމަށާއި އަދި އަނިޔާވި ފަރާތްތަކަށް އިންސާފު ހޯދައިދެވެން ޖެހޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގައި ފުލުހުން ކުރާ ބުރަ މަސައްކަތްވެސް ވަނީ ފާހަގަ ކޮށްފައެވެ.
މިރޭގެ ވަގުތެއްގައި ހުޅުމާލޭގެ ރެޑްބުލް ދަނޑު ކައިރިން ތިން ބިދޭސީއަކަށް ހެލްމެޓް އަޅާއިގެން ސައިކަލެއްގައި ދިޔަ ދެމީހަކު ތޫނު އެއްޗަކުން ވަނީ ހަމަލާދީފައެވެ. އަނިޔާ ލިބިފައިވަނީ ޗައިނާގެ 2 ފަތުރުވެރިއަކަށާއި އޮސްޓްރޭލިއަށް އަށް ނިސްބަތްވާ ބިދޭސީ އަކަށެވެ.
އެ ހަމަލާ ދިން ސަރަހއްދުން އާންމުންގެ ބަޔަކު އެ ތިން ބިދޭސީންނަށް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު އެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. އަދި އެމީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން އަދި އެއްވެސް ފަރާތެއް ހައްޔަރެއް ނުކުރެއެވެ.