ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި 2 ބިދޭސީއެއްގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި އުމުރުން 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް 2018 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތިން ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހުކުރު ދުވަހު، ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ، ހައްޔަރުކޮށްފައި ވަނީ އުމުރުހން 50 އަހަރުގެ ދެ ބިދޭސީ ފިރިހެނުން ކަމަށެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް މިދިޔަ ހޮނިހިރު ދުވަހު ކޯޓަށް ގެންދިއުމުން އެމީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތައް ކަމަށް ފުލުހުން ބުނެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ގިނަ މައްސަލަތަކެއް ދަނީ މިފަހަކަށް އައިސް ރިޕޯޓް ކުރަމުންނެވެ.